މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ހައްލަކީ ސަރުކާރުން މި ސިނާއަތުން ވީއްލި އަމިއްލަ މަސައްކަތްތެރިންނާއި ކުދި ވިޔަފާރިތަކާއި ކައުންސިލްތައް މި މަސައްކަތުގެ ތެރެއަށް ވަނުމުގެ ފުރުސަތު ދިނުން ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ.

މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ބާނާ މަހަށް އެކަށޭނަ އަގެއް ނުލިބުމާއި އަދި ކިރުވާ މަހަށް ގަވާއިދުން ފައިސާ ލިބެމުން ނުދިއުމަކީ ދިވެހި މަސްވެރިންގެ ޒަމާންވީ ޝަކުވާއެއް ކަމަށެވެ.

އަދި މި މައްސަލައަށް ދެމެހެއްޓެނެވި ދާއިމީ ހައްލެއް ހޯދައިނުދެވުމުގެ އިތުރުން ކިރުވާ މަސްކޮޅަށް ލިބެންޖެހޭ ފައިސާ ހޯދުމަށް، މަސައްކަތް ހުއްޓާލުމަށްފަހު މަސްވެރިން އިހުތިޖާޖު ކުރަންޖެހޭ ޖެހުމަކީ ކަންބޮޑުވާކަމެއް ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ޑިމޮކްރަޓްސް އިން ބުނި ގޮތުގައި މިދިޔަ ސަރުކާރުންވެސް މަސައްކަތް ކުރީ މައްސަލާގެ ހައްލާ ދިމާ އިދިކޮޅަށް ކަމަށެވެ. އެގޮތުން ދެމެހެއްޓެނެވި ގޮތެއްގައި ރާއްޖޭގައި ބާނާ ހުރިހާ މަހަކަށް އެކަށޭނަ އަގު ހޯދައިދިނުމާއި އަދި ގަވާއިދުން މަސްވެރިންނަށް ފައިސާ ލިބުމުގައި މެދުވެރިވާ އެންމެ ބޮޑު އެއް ހުރަސްކަމުގައިވާ ސަރުކާރުން މަސް ގަނެ ޕްރޮސެސްކުރުމުގެ މަސައްކަތުގެ ތެރޭގައި ހަރަކާތްތެރިވާ ހަރަކާތްތެރިވުން އިތުރަށް ފުޅާކުރަން ކުރި މަސައްކަތްތަކަކީ އެ ޕާޓީއިން އަބަދުމެ އެކަމާ ދޮކޮޅަށް އަޑު އުފުލާ، އަދި ވެރިކަމަށް އަންނަން ހުށަހެޅުއްވި ސިޔާސަތުތަކަށް ރުޖޫއަވުމަށް ކެނޑިނޭޅި ގޮވާލަމުންދިޔަ މައްސަލައެއް ކަމަށެވެ.

މި ޕާޓީއިން ގަބޫލުކުރާ ގޮތުގައި، މަސްވެރިން ކިރުވާ މަހުގެ ބޮޑު އިންސަތައެއް ގަނޑުކުރި ރޯމަހުގެ (ރޯމެޓީރިއަލްގެ) ގޮތުގައި އެކްސްޕޯޓު ކުރާހާ ހިނދަކު މަސްވެރިކަމުން ދިވެހިރާއްޖެއަށް ލިބެންޖެހޭ ފުރިހަމަ ނަފައެއް ނުލިބޭނެއެވެ. އަދި ދިވެހި މަސްވެރިން ބާނާ މަހަށް އެކަށޭނަ އަގެއް ހޯދައި ދިނުމަށް މިހާރު ރާއްޖޭގައި މަސް ޕްރޮސެސްކުރުމަށް ބޭނުންކުރާ މޮޑެލް ބަދަލުކޮށް، ސަރުކާރުން އެކީ މި މަސައްކަތުގެ ތެރެއިން ވީއްލި، މިހާރު ހުރި ސަރުކާރުގެ މަސް ފެކްޓްރީތަކާއި ކޯލްޑް ސްޓޯރޭޖްތައް ޕްރައިވެޓައިޒް ކުރުން ނުހަނު ބޭނުންތެރިކަމަށް މި ޕާޓީއިން ދެކެމެވެ.
ބަޔާނުގައި ވެއެވެ

ވޭތުވެދިޔަ ސާޅީހަކަށް އަހަރު ހިންގޭތޯ މަސައްކަތްކުރި ސަރުކާރުގެ މަސް ފެކްޓްރީއަށް މަސް ގަނެވިއްކުމުގެ މޮޑެލް އިން މަހަށް އެކަށޭނަ އަގެއް ނުދެވޭކަމާއި އަދި ކިރުވާ މަހަށް ގަވާއިދުން ފައިސާ ދޫނުކުރެވޭކަމީ ފެންނަން އޮތް ހަގީގަތެއްކަމުން، އެ ޕާޓީގެ މަސްވެރިކަމާ ގުޅޭ ސިޔާސަތުތަކުގައި ވެސް އެކަށައަޅާފައިވާ ފަދައިން، ސަރުކާރުން މަސްވެރިކަމުގެ ވިޔަފާރިން ނިކުމެ، އަމިއްލަ މަސައްކަތްތެރިންނާއި ކުދި ވިޔަފާރިތަކާއި އަދި ކައުންސިލުތައް މި މަސައްކަތުގެ ތެރެއަށް ވައްދާ ރާއްޖޭ އެކި ސަރަހައްދުތަކުގައި އެތަކެއް ލައިޓް އިންޑަސްޓްރިއަލް މެނުފެކްޗަރިން ޕްލާންޓްތަކެއްގެ ގޮތުގައި ގޭދަށު މަސް ފެކްޓްރީތައް ގާއިމުކޮށް އެތަންތަނަށް މަސްވެރިން ބާނާ މަސް ގަނެ، ޖުމްލަކޮށް ރާއްޖެއިން އެކްސްޕޯޓު ކުރާ މަހުގެ ބޮޑު ބަޔަކީ ކޮންމެވެސް އެއްގޮތަކަށް ޕްރޮސެސްކުރެވި ވެލިއު އެޑް ކުރެވިގެން އެކްސްޕޯޓް ކުރެވޭ އެއްޗެއްކަމުގައި ހެދިގެން ނޫނީ މަސްވެރިކަމުގެ ފުރިހަމަ ނަފާ ދިވެހި މަސްވެރިންނަށާއި އަދި ދިވެހިރާއްޖެއަށް ވެސް ނުލިބޭނެ ކަމަށް ޑިމޮކްރަޓްސް އިން ވަނީ ބުނެފައެވެ.

ބާނާ މަހަށް އެކަށޭނަ އަގު ދިނުމާއި، މަހުގެ އަގު އުފުލުމާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މަސްވެރިކަމާ ގުޅޭ ގޮތުން ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދެވުމުމުގެ އިތުރުން ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް އިއުލާނު ކުރައްވާފައިވާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ މަހުގެ ކޯޓާ އަހަރުން އަހަރަށް ހަމަކުރުމަށްވެސް އޮތް މަގަކީ މަސްވެރިކަމާ ގުޅޭގޮތުން ޑިމޮކްރެޓުން ހުށަހަޅާފައިވާ ސިޔާސަތުތަކަށް ރާއްޖެ އެނބުރުން ކަމުގައިވެސް އެ ޕާޓީން ވަނީ ބުނެފައެވެ.