އިޒްރޭލުން ގާޒާއަށް ހަމަލާ ދެމުން ގެންދާތާ 250 ދުވަސް ވެފައި ވާ އިރު, އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ މީގެ ދުވަސްކޮޅެއްގެ ކުރިން ސުލްހައިގެ ޕްލޭނެއް ހުށަހަޅުއްވާފައެވެ.
3 ފިޔަވައްސަކަށް ބަހާލައިގެން ފުރިހަމަ ސުލްހަ އަކާ ހަމައަށް ވާސިލުވުމަށް ބައިޑަން ހުށަހެޅުއްވި ޕްލޭނަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތާއީދު ކުރާ ކަމަށް މިއަދު އެމެރިކާގެ ދިފާއީ ވަޒީރު އެންތަނީ ބްލިންކެން ވިދާޅުވިއެވެ.
ގަތަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވާހަކަ ހާމަ ކުރައްވި އިރު އެ ޕްލޭނަށް ހަމާސް އިން އިސްލާހުތަކެއް ހުށަހަޅާފައި ވާ ކަމަށާއި, އޭގެ ތެރެއިން ބައެއް އިސްލާހު ތަކަކީ އެއްބަސް ވެވޭނެ އިސްލާހުތަކެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އިޒްރޭލާއި ހަމާސް, ސުލްހަ ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުން އެކަމުގައި ގޮތްތަކެއް ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް ބްލިންކެން ވިދާޅުވެފައި ވަނި ކޮށް އެއީ ދޮގެއް ކަމަށް ހަމާސްގެ އޮފިޝަލެއް ކަމަށް ވާ އޮސާމާ ހަމްދާން އާ ހަވާލާދީ އަލްޖަޒީރާއިން މިރޭ ވަނީ ބުނެފައެވެ.
އޮސާމާ ވިދާޅުވިކަމަށް އެ ނޫހުން ރިޕޯޓު ކޮށްފައި އޮތީ, އެމެރިކާއިން ހުށަހެޅި އިސްލާހީ ޕްލޭނަށް ހަމާސް އިން އާ އެއްވެސް އިސްލާހެއް ހުށަނާޅާ ކަމަށެވެ. އަދި އިތުރަށް އޭނާ ވިދާޅުވީ, މައްސަލައިގެ އެއް ބަޔަކ ސީދާ ބްލިންކެން ކަމަށެވެ.
ބައިޑަންގެ ޕްލޭންގައި ފުރަތަމަ 6 ހަފްތާއަށް ހަމަލާތައް ހުއްޓާލައި ހަމާސްގެ އަތްދަށުގައި ތިބި ރަހީނުން ކުރެ އަންހެނުންނާއި ކުޑަކުދިން މިނިވަންކޮށް ދޫކޮށްލުން ހިމެނެއެވެ. ދެވަނަ މަރުހަލާގައި ރަހީނުންގެ ތެރޭގައި ސިފައިންނާއި އެނޫން ބަޔަކު ތިބި ނަމަ ދޫކޮށްލުން ހިމަނާފައި ވާ އިރު އިޒްރޭލު ސިފައިން ގާޒާއިން ފޭބުން ހިމެނެއެވެ. 3 ވަނަ މަރުހަލާގައި ހިމަނާފައި ވަނީ ގާޒާ އާރާސްތު ކުރުމުގެ ވާހަކަތަކެވެ.
މި ހުށަހެޅުމަށް އިޒްރޭލުން އެއްބަސް ވާކަމަށް ބްލިންކެން ވިދާޅުވެފައި ވީ ނަމަވެސް ނަތަންޔާހޫ އެކަމަށް އެއްބަސް ވާކަމަށް ފާޅުކޮށް ބުނެފައެއް ނުވެއެވެ. އޭގެ ބަދަލުގައި އޭނާ ބުނެފައި ވަނީ އުސޫލެއްގެ ގޮތުން ފުރަތަމަ މަރުހަލާ އަށް އެއްބަސް ވެވިދާނެ ކަމަށާއި ދެވަނަ މަރުހަލާއަކާ ހަމައަށް ދާން އިތުރަށް ވިސްނާ އަދި މަޝްވަރާ ކުރަން ޖެހޭނެ ކަމަށެވެ. 3 ވަނަ މަރުހަލާއެއްގެ ވާހަކަ އޭނާ ދައްކާފައެއް ނުވެއެވެ.
އިޒްރޭލުން ގާޒާއަށް ހަމަލާ ދޭތާ 250 ދުވަސް ފާއިތުވެގެން ދިޔަ އިރު, އެއްގަމާއި ކަނޑާއި ވައިގެ މަގުން ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް 37 ހާސް މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. ޒަހަމްވި މީހުންގެ އަދަދު 90 ހާހާ ގާތް ކޮށްފިއެވެ. އިއްޔެވެސް އަދި މިއަދުވެސް އިޒްރޭލުގެ ހަމަލާތައް ވަރުގަދަކޮށް ދެމުން ގެންދާ އިރު, ބްލިންކެން މެދުއިރުމައްޗަށް ވަޑައިގެން ކުރައްވާ މަސައްކަތަކީ ސުލްހައިގެ ޕްލޭންގެ ވާހަކަ ދެއްކަވައި އިޒްރޭލުގެ ހަމަލާތަކާ މެދު މީޑިއާގެ ފޯކަސް ގެއްލުވާލުން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
އިޒްރޭލުން ގާޒާގެ މަގާމުތަކުގެ އިތުރުން ލުބުނާނުގެ ހިޒުބުއްލޯގެ މަގާމުތަކަށް ވެސް ދަނީ ހަމަލާ ދެމުންނެވެ. އެގޮތުން ދިން ވަރުގަދަ ހަމަލާތަކެއްގައި ހިޒްބުއްލޯގެ އިސް ލީޑަރަކު ވަނީ އަވަހާރަ ކޮށްލާފައެވެ.