ބޮލީވުޑްގެ މަގްބޫލު ތަރި ސޮނާކްޝީ ސިންހާ މި މަހު ކައިވެނިކުރަން އުޅޭކަމުގެ އަޑު ގަދަވާން ފަށައިފިއެވެ.
ސަންޖޭ ލީލާ ބަންސާލީ ގެ ފަހު ސީރީޒް "ހީރާމަންޑީ" ގައި މުހިއްމު ރޯލެއް އަދާކުރި ބަތަލާ ސޮނާކްޝީ ކައިވެނިކުރާނީ މި މަހު 23 ގައި ކަމަށް ރިޕޯޓްތައް ބުނާއިރު މިވަގުތު ކުރިއަށްދަނީ ކައިވެނީގެ އެންމެ ފަހުގެ ތައްޔާރީތަކެވެ. ކައިވެނި ހަފްލާ ބާއްވާނީ މުމްބާއިގައެވެ. ސޮނާކްޝީ، 37، އާއި އެކްޓަރު ޒަހީރު، 33، ރައްޓެހިވެގެން އުޅޭ ވާހަކަ އެންމެ ފުރަތަމަ ދެކެވެންފެށީ 2018 ވަނަ އަހަރުގައެވެ. މީޑިއާތަކަށް ސިއްރުން އުޅުމަށްފަހު ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ހާމަކުރީ 2022 ވަނަ އަހަރުގައެވެ. ދެތަރިން ވަނީ "ޑަބަލް އެކްސްއެލް" ކިޔާ ފިލްމަކުން އެކުގައި ފެނިގެން ގޮސްފައެވެ.
ކުލަގަދަ ކައިވެނީގެ ހަފްލާއެއް ބާއްވަން ނިންމާފައިވީނަމަވެސް ކައިވެނީގެ ހަފްލާއަށް ދައުވަތު ދީފައިވަނީ ދެފަރާތުގެ އާއިލާއިންނާއި ގާތް ރަހުމަތްތެރިންނަށެވެ. ކުރީގެ މަޝްހޫރު އެކްޓަރު ޝަތުރުގަން ސިންހާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ސޮނާކްޝީ ވަނީ ބޮލީވުޑްގައި ގިނަ ފިލްމުތަކެއް ކުޅެ އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައެވެ. ބަތަލާ އެންމެ ފަހުން ކުޅުނު ޙިރާމަންޑީ : ދަ ޑައިމަންޑް" ބާޒާރުންވެސް އެކަން ސާބިތުވިއެވެ. ޑަބަލް ރޯލަކުން ސޮނާކްޝީ މި ސީރީޒުން ފެނިގެންދިޔައިރު ކްރިޓީކުންގެ އިތުރުން އާންމުންގެ ގިނަ ބަޔަކު ވަނީ ބަތަލާއަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ.