ޑައިރެކްޓަރު މޯހިތު ސޫރީ ޔަޝް ރާޖް ފިލްމްސްއަށް އުފެއްދި ފިލްމު "ސައްޔާރާ"އަށް ގިނަ ބައެއްގެ ތައުރީފު އޮހެމުން އަންނައިރު، ކުޑަ ބަޖެޓަކުން އުފެއްދި މި ފިލްމަށް ބޮޑު ތަރުހީބެއްވަނީ ލިބިފައެވެ.
ބޮކްސް އޮފީހުގެ 100 ކްރޯޑު ކްލަބުން ޖާގަ ހޯދާފައިފާ މި ފިލްމުގައި ފެނިގެން ދަނީ ބޮލީވުޑަށް މުޅިން އަލަށް ތައާރަފްވާ އަހާން ޕާންޑޭ އާއި 2022 ވަނަ އަހަރު ފިލްމީ ދާއިރާއަށް ތައާރަފުވު އަނީތު ޕައްޑާއެވެ. މި މަހުގެ 18 ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރި މި ފިލްމަކީ 4 ކްރޯޑް ރުޕީސް (4.6 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ.
ސައްޔާރާގައި އަހާން ޕަންޑޭ ފެނިގެން ދަނީ ސީރިއަސް އަދި ރުންކުރު ލަވަކިޔުންތެރިއެއްގެ ގޮތުގައެވެ. މަޑުމައިތިރި އަދި ސާދާ މިޒާޖެއްގެ އަނީތު ޕައްޑާ އާއި ދިމާވާ ހިސާބުން އޭނާގެ ދިރިއުޅުން ބަދަލުވެގެންދެއެވެ. މި ފިލްމުގައި މިއުޒިކީ ދުނިޔޭގެ ތެރެއިން މި ދެމީހުން ދިމާވާ ގޮތް ވަރަށް ފުރިހަމައަށް ފެނިގެންދާއިރު ތަފާތު ދެ މިޒާޖެއްގެ ދެމީހުން ދޭތެރޭ އުފެދިގެން ދާ ލޯތްބާ، އެ ގުޅުމަށް ކުރިމަތިވާ ގޮންޖެހުންތަކާ، މައްސަލަތައް މި ފިލްމުގައި ވަރަށް ފުރިހަމައަށް ގެނެސްދީފައިވެއެވެ.
މި ފިލްމުގެ ލަވަތަކާއި މިއުޒިކުގެ ޖާދޫގައި ގިނަ ބަޔަކު ޖެހިފައިވާއިރު ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރުންނާ، ޕްރޮޑިއުސަރުންގެ ތައުރީފުވެސް މި ފިލްމަށް އަންނަނީ އޮހެމުންނެވެ. އެގޮތުން ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ސުބާޝް ބުނީ މި ފިލްމުން އަންގައިދިނީ އުފެއްދުންތެރި ވާހަކަތަކަށް އޯޑިއަންސް ބޭނުންވެފައިވާ މިންވަރުކަމަށެވެ. މުޅިން އަލަށް ފިލްމު އިންޑަސްޓަރީއަށް ތައާރަފުވާ ތަރިންތަކެއް ހިމެނޭ ފިލްމަކަށްވެސް ބޮކްސް އޮފީހުގައި ކާމިޔާބު ލިބިދާނެކަަން މި ފިލްމުން ދައްކުވައިދީފިކަމަށް އޭނާ ވަނި ބުނެފައެވެ.
ފިލްމުތަކުގެ ލީޑް ތަރިން ބުނާހާ ގޮތަކަށް ކަންކަން ކުރުމުގެ ސަގާފަތް ޕްރޮޑިއުސަރުން ދޫކޮށްލަންޖެހޭކަން ފާހަގަކޮށް ސުބާޝް ބުނީ މީގެ ކުރިން ގެނެސްދެމުން އައި ކަހަލަ ހިތްގައިމު ފިލްމުތައް އޯޑިއަންސަށް ގެނެސްދެވޭނީ އެފަދަ ކަންކަން ރަނގަޅުކޮށްގެން ކަމަށެވެ.