އިޒްރޭލުގެ ޕާސްޕޯޓު ރާއްޖެ އަށް މަނާކުރަން ދިވެހި ސަރުކާރުން ނިންމުމާ ގުޅިގެން، ރާއްޖޭގައި ތިބި އެ ގައުމުގެ މީހުން ވަގުތުން ފޭބުމަށް އިޒްރޭލުގެ ފޮރިން މިނިސްޓްރީން އަންގައިފިއެވެ.

ޔަހޫދީ އިޒްރޭލު ސަރުކާރުން ނެރުނު ޓްރެވެލް އެޑްވައިޒަރީގައި ބުނީ، އެ ގައުމުގެ މީހުން ރާއްޖޭގައި ތިއްބައި ކުރިމަތިވެދާނެ ކަމަކުން އެހީތެރިވުމަށް ދަތިވެދާނެތީ ރާއްޖޭގައި ތިބި އިޒްރޭލުގެ މީހުން ވަގުތުން ފޭބުމަށް އިލްތިމާސްކުރާކަމަށެވެ. އަދި އިޒްރޭލު ރައްޔިތުން ރާއްޖެއަށް ދަތުރުނުކުރުމަށްވެސް އެ ގައުމުގެ ސަރުކާރުން ވަނީ އަންގާފައެވެ.

ފަލަސްތީނުގެ ބިންތައް ހިސޯރުކޮށް އެ ބިންތަކުގައި ގަތުލުއާންމު ހިންގަމުންދާ އިޒްރޭލުގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާކުރަން ނިންމައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުން ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވާއިރު އަލްޖަޒީރާގައި ބުނެފައިވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން އިޒްރޭލު ޕާސްޕޯޓް ރާއްޖެއަށް މަނާކުރުމަށް ހަދަން ޖެހޭ ގާނޫނު ހެދުމުގެ މަސައްކަތްކުރަމުން އަންނަކަމަށާއި އެހެންނަމަވެސް މި ގާނޫނު ނިމި، ތަންފީޒުކުރަން ފަށާނެ ދުވަހެއް އަދި އިއުލާންކޮށްފައި ނުވާކަމަށެވެ. އިތުރަށް އެ ނޫހުގައި ބުނެފައިވަނީ “މޯލްޑިވިއަންސް އިން ސޮލިޑަރިޓީ ވިތް ފަލަސްތީން” ގެ ނަމުގައި ގައުމީ ފަންޑް ރެއިސިން ކެމްޕޭނެއް ފެށުމަށް ރައީސް އިއުލާންކުރައްވާފައިވާއިރު މިއީ ރާއްޖެއިން އިޒްރޭލުގެ ޕާސްޕޯޓް މަނާކުރި ދެވަނަ ފަހަރުކަން ވެސް ފާހަގަކޮށްފައެވެ.

އެގޮތުން ރާއްޖެއިން 1990 ގެ އަހަރުތަކުގެ ކުރީކޮޅު އިޒްރޭލު ފަތުރުވެރިން މަނާކުރި މަނާކުރުން އުވާލައި، ގުޅުންތައް އަލުން ގާއިމް ކުރުމަށް 2010 ވަނަ އަހަރު ނިންމި ނަމަވެސް 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރައީސް މުހައްމަދު ނަޝީދު ވެރިކަމުން ވައްޓާލުމާ ގުޅިގެން ރާއްޖެއިން އެ ގައުމާ އެކު ގުޅުން ގާއިމުކުރުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

މީގެ އިތުރުން އަލްޖަޒީރާގައި ބުނެފައިވަނީ މިދިޔަ އަހަރު ގާތްގަނޑަކަށް 11،000 އިޒްރޭލު ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، މިއީ ޖުމްލަ ފަތުރުވެރިން ރާއްޖެ އައި މީހުންގެ 0.6 ޕަސެންޓު ކަމަށެވެ. އަދި ރަސްމީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި އިޒްރޭލު މީހުންގެ އަދަދު 528 އަށް ދަށްވެފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 88 ޕަސެންޓް ދަށް އަދަދެއްކަމަށްވެސް ބުނެފައިވެއެވެ.

އިޒްރޭލުން ހުއްޓުމެއްނެތި ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި 40 ހާހަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައިވާއިރު ރާއްޖޭގެ އިތުރުން ދުނިޔޭގެ ބައެއް ގައުމުތަކުން ވަނީ މި ލާއިންސާނީ ޖަރީމާ ކުށްވެރިކޮށް އިޒްރޭލު ރައްޔިތުން އެ ގައުމުތަކަށް އެތެރެވުން މަނާކޮށްފައެވެ. އެ ގޮތުން އިޒްރޭލު ޕާސްޕޯޓް މަނާކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އަލްޖީރިއާ، ބަންގްލަދޭޝް، ބްރޫނާއީ، އީރާން، އިރާގު، ކުވައިތު، ލުބުނާން، ލީބިޔާ، ޕާކިސްތާން، ސައުދީ އަރަބިއްޔާ، ސީރިއާ، އަދި ޔަމަން ހިމެނެއެވެ.