މާލެ ސަރަހައްދުގެ މިސްކިތްތަކުގައި 5 ތަރީގެ ފާހާނާތަކެއް ހެދުމަކީ އަމާޒެއް ކަމަށާއި ކުރިއަށް އޮތް 2 އަހަރު ތެރޭގައި އެކަން ކުރައްވާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިފަދައިން ވިދާޅުވީ މިސްކިތްތަކާއި ވެށީގެ ސާފުތާހިރުކަމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މާލޭ ސަރަހައްދުގައި 5 ތަރީގެ ފާހާނާތަކެއް ހެދުމަކީ އަމާޒެއްކަމަށާއި އެ މަސައްކަތް ފަށާފައިވާކަން ފާހަގަ ކުރައްވާ އާޒިމް ވިދާޅުވީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގައި ކުރިއަށް އޮތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ހުންނާނީ 5 ތަރީގެ ރީތި ފާހާނާތަކެއް ކަމަށެވެ.
އާޒިމް ވިދާޅުވީ ގެއެއްގެ ފާހާނާއަށް ވަދެ ބަލާލާއިރު އެތަން ރީތިކޮށް ހުރެއްޖެނަމަ އެގެއަކީ ސާފުތާހިރު ބަޔަކު އުޅޭ ތަނެއް ކަމަށެވެ. އަދި ހާއްސަކޮށް މިސްކިތެއްގެ ފާހާނާއަކަށް ވަނުމަށްފަހު އެ ތަނުގައި ހުރި ނަޖިހާ އެއްކޮށް މިސްކިތަށް އެރިއްޖިއްޔާ އެއީ ވަރަށް ދެރަ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިސްކިތްތަކުގެ ފާހާނާތައް ސާފުކޮށް ބެލެހެއްޓުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް އެއީ ކުރެވޭނެ ކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ. ކަމެއް ކުރުމުގައި ދަތިކަމެއް ކުރިމަތިވި ނަމަވެސް އެއީ އެކަމެއް ހުއްޓާލަން ޖެހޭ ސަބަބެއް ނޫން ކަމަށާއި އިތުރު ހިތްވަރާ އަޒުމާއެކު އެކަމަށް މަސައްކަތް ކުރަންޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ ކަމެއް ކުރަން ދަތިވުމަކީ އެކަމެއް ނުކޮށް ދޫކޮށްލަން ލިބޭ ސަބަބެއް ނޫން ކަމަށެވެ. އަދި އެކަކަށް ވަރުގަދަ އަޒުމެއްގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެގޮތުން އެހެން މީހުންނާއެކު މަސައްކަތް ކުރާ ވަގުތުތަކުގައި ވެސް ހިތްގަމަނުޖެހޭ ވަގުތުތަކުގައި ވެސް ކެތްތެރިކަމާ ލޯތްބާއެކު އަނެކާއަށް ވާހަކަ ދައްކާ އެކަން ހައްލު ކުރުމަށް އާޒިމް ވަނީ ގޮވާލައްވާފައެވެ.
ގައުމުގެ ހަރަދު އިންތިހާއަށް ބޮޑުވެފައިވާ ދުވަސްވަރެއްގައި ***** ފާހާނާ ހެދުމަށް ފަހު އެތަންތަން ބޭނުން ކުރާނީ އާންމުކޮށް ކޮންބައެއްތޯ ވިސްނާލަންޖެހެއެވެ .