ރަޝިއާގެ ހަމަލާތައް މައިތިރިކޮށް ބަލިކުރުމަށްޓަކައި ރަޝިއާގެ އަސްކަރީ މަގާމުތަކަށް ހަމަލާ ދޭން އެމެރިކާއިން ފޯރުކޮށްދިން ހަތިޔާރުގެ ބޭނުން ކުރުމުގެ ހުއްދަ ރައީސް ޖޯ ބައިޑަން ޔޫކްރައިން އަށް ދެއްވައިފިއެވެ.
2 އަހަރު ވެފައިވާ ހަނގުރާމަ މިހާ ހިސާބަށް އައިއިރު އެމެރިކާއާއި ހުޅަނގުން ހަތިޔާރު ފޯރުކޮށްދެމުން ގެންދިޔަ ނަމަވެސް ރަޝިއާގެ މަގާމުތަކަށް ހަމަލާ ދޭން ހުޅަނގުގެ ހަތިޔާރު ބޭނުން ކުރުން އޮންނަނީ މަނާ ކޮށްފައެވެ. ނަމަވެސް ރަޝިއާއިން ހަނގުރާމައިގައި ކުރި ހޯދާ ދެވަނަ އަށް އެންމެ ބޮޑު ސިޓީ, ކާކީވްގެ ތެރެއަށް ވަންނަމުން ދާތީ, ރަޝިއާ ބަލިކުރުމަށް ހުޅނަގުގެ ހަތިޔާރުގެ ބޭނުން ނުކޮށް ވާން ނެތްކަމަށް ޔޫކްރައިން އިން ބުނަމުން ދާން ފެށުމުން ހުޅަނގުން ވަނީ ފާޑަކަށް އެ ހުއްދަ ދީފައެވެ. ނަމަވެސް އެމެރިކާއިން އޮތީ ނުދީއެވެ.
މިއަދު އެމެރިކާގެ ރައީސްގެ ނިންމެވުމެއް ކަމަށް ބުނެ ބައިނަލްއަގުވާމީ މީޑިއާތަކުގައި ބުނީ, ކާކީވް އާ އިންވެގެން އޮތް ސަރަހައްދުތަކުގައި ގާއިމު ކޮށްފައިވާ ރަޝިއާގެ އަސްކަރީ މަގާމުތަކަށް ހަމަލާ ދިނުމުގައި އެމެރިކާގެ މިސައިލް އާއި ހަތިޔާރު ބޭނުން ކުރުމުގެ ހުއްދަ ދީފި ކަމަށެވެ. ހުޅނަގުގެ ގައުމުތަކުގެ ތެރެއިން ފްރާންސާއި އިނގިރޭސިވިލާތް އަދި ޖަރުމަނުން ވަނީ އެމެރިކާއިން ހުއްދަ ކުރާ މިންވަރަށް ވުރެ ފުޅާކޮށް އެގައުމުތަކުގެ ހަތިޔާރު ރަޝިއާ އާ ދެކޮޅަށް ބޭނުން ކުރުމުގެ ހުއްދަ ދީފައެވެ. އެގޮތުން ރަޝިއާއިން ހިފާފައިވާ ޔޫކްރައިންގެ ސަރަހައްދުތަކަށާއި އަދި ރަޝިއާގެ ތެރެއަށް ހަމަލާ ދިނުމުގެ ހުއްދަވެސް ހިމެނެއެވެ. ނަމަވެސް އެ ހަމަލާތައް އަމާޒު ކުރަން ޝަތުރު ކޮށްފައިވަނީ އަސްކަރީ މަގާމުތަކަށެވެ.
އެމެރިކާއިން ބުނީ, އެމީހުންގެ ހަތިޔާރުގެ ބޭނުން ކޮށްގެން ރަޝިއާއިން އަމާޒުވާ ހަމަލާތަކާއި ދޭން ރާވާ ހަމަލާތައް ނާކާމިޔާބު ކޮށްލުމުގައި ޔޫކްރައިން އަށް ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށެވެ.
ހުޅަނގާއި އެމެރިކާގެ މި ނިންމުމާ ގުޅިގެން ރަޝިއާއިން އެފަރާތްތަކަށް އިންޒާރު ދީފައި ވާ އިރު ބުނެފައި ވަނީ ނަތީޖާ ގޯސްވާނެ ކަމަށާއި 'ބޮޑު ހަނގުރާމަ' ފެށިދާނެ ކަމަށެވެ. އަދި ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރު ބޭނުން ކުރާނެ ވާހަކަ ރަޝިއާއިން ބުނީ ސަމާސާ އަކަށް ނޫން ކަމަށާއި ޔޫކްރައިންގެ ހަނގުރާމައިގެ ތެރެއަށް ހުޅަނގުން އެގޮތަށް ވަންނަ ނަމަ 'އޯލް އައުޓް ވޯ' [ހުރިހާ ވަސީލަތެއް ބޭނުން ކޮށްގެން ކުރާ ހަނގުރާމަ] އަކަށް ބަދަލުވެގެން ދާނެ ކަމަށެވެ.
ހުޅަނގުގެ ހަތިޔާރު ބޭނުން ކުރުމުގެ ހުއްދަ ލިބުމުން ޔޫކްރައިން އިން ވަނީ އެކަމަށް މަރުހަބާ ކިޔައި މިހާރުވެސް ކާމިޔާބީގެ އިހުސާސް ކުރެވޭ ކަމަށް ބުނެފައެވެ. އެގޮތުން ކާކީވް ސަރަހައްދުން ކުރިއަރަން މަސައްކަތް ކުރި ރަޝިއާގެ ފައުޖުތަކުން 8 ހާހަށް ވުރެ ގިނަ މީހުން މަރާލެވިފައި ވާ ކަމަށް ބުނެފައެވެ.