ރިޔާސަތާ ހަވާލުވެވަޑައިގެން މަޖިލީހުގެ ރައީސް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހިތުގެ ޝުއޫރު ބަންޑުންކޮށްލައިފިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރުމަށްފަހު ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސްއާއި ނައިބު ރައީސް ހޮވާފައިވާއިރު ރައީސްގެ މަގާމަށް ހޮވިވަޑައިގެންފައިވަނީ އަދުރޭއެވެ.

ރިޔާސަތުގައި އިށީދެވަޑައިގެން އަދުރޭ އެންމެ ފުރަތަމަވެސް ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމާ ހަވާލުވެ އެ ގޮނޑީގައި އިށީންނަ ފުރަތަމަ ހިނދުކޮޅު ހިތުގައި ތަފާތު އެކި ޝުއޫރުތައް އުފެދެމުންދާ ކަމަށެވެ.

އަދުރޭ ވަނީ އޭނާގެ ނަން އެ މަގާމަށް ހުށަހަޅައިދެއްވި ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު ދަންނަވާފައެވެ.އެ މަގާމަށް ގެނެސްދެއްވުމަށް ވޯޓު ދެއްވި މެންބަރުންނަށް ވެސް އަދުރޭ ވަނީ ޝުކުރު ދަންނަވާފައެވެ. އަދި މަޖިލީހަށް ހޮއްވަވައިދެއްވި ކަމަށްޓަކައި ފޮނަދޫ ދާއިރާގެ ރައްޔިތުންނަށް ވެސް އަދުރޭ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އޭގެ އިތުރުން 19 ވަނަ ރައްޔިތުންގެ މަޖިލީހަށާއި އެ މަޖިލީހުގެ ރިޔާސަތަށްވެސް ޝުކުރު އަދާކުރައްވާ އަދުރޭ ވިދާޅުވީ އެ ބޭފުޅުން ކޮށްދެއްވި މަސައްކަތުގެ އަގު ވަޒަންކުރައްވާ ކަމަށެވެ.

އަދުރޭ ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީސް އެކުލަވާލެވިގެން ދަނީ ގައުމަށް މުހިއްމު ދަނޑިވަޅެއްގައި، މުހިއްމު އާ ސިޔާސަތުތަކަކާއެކީގައި އިންގިލާބީ ހެޔޮ ބަދަލެއް ރާއްޖޭއަށް ގެނެސްދެއްވުމުގެ އިހުލާސްތެރި ވިސްނުންފުޅުގައި ދިވެހި ރައްޔިތުންނަށް އުފާވެރި ދުވަސްތަކެއް ހޯދަވައިދެއްވުމުގެ ވަރުގަދަ އަޒުމުގައި ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވިތާ މަދު މަސް ދުވަސްކޮޅެއްގެ ތެރޭގައި ކަމަށެވެ. އެހެންކަމުން މި މަޖިލީސް ވެގެންދާނީ އެ މަނިކުފާނުގެ މަސައްކަތްޕުޅާއި ފިޔަވަޅު ހަމަކޮށް ހިނގާނެ، ހިނގަންވާނެ މަޖިލީހަކަށް ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މި ދަންޑިވަޅަކީ ގައުމެއްގެ ގޮތުގައި މުހިއްމު ނިންމުންތަކެއް ނިންމަން ޖެހިފައިވާ ދަނޑިވަޅެއް ކަމަށެވެ. އެގޮތުން އިގްތިސޯދުގެ އަސާސްތައް ފުޅާކުރުމާއި އާ މަސައްކަތްތަކާއި ފަންނުތަކާއި ވިޔަފާރިތައް އުފަންކުރުމާއި ފައިސާއާއި މާލީ ފުދުންތެރިކަން އިތުރުކުރެވޭނެ ގޮތްތައް ހޯދުމާއި އުމްރާނީ ތަރައްގީގެ އާ ހަރުފަތްތަކެއް ރާއްޖެއަށް ތައާރަފްކުރަމުން ގެންދިއުން ހިމެނޭ ކަމަށެވެ.

އޭޣެ އިތުރުން ވީދެމުންދާ ދިވެހިންގެ އިޖްތިމާއީ ފޭރާން އަލުން ވިޔެ އާކުރުމާއި މަސްތުވާތަކެތީގެ ވަބާއާއި ވަރުގަދަ ހަނގުރާމައެއް ކުރުމާއި ނުގަވާއިދުން ބިދޭސީން ރާއްޖެ ވަންނަ ދޮރުތައް ބަންދުކުރުމާއި ގާނޫނުގެ ވެރިކަން ނެގެހެއްޓުމާއި ޝައުރީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމާއި މަޖިލީހުގެ އަބުރާއި ކަރާމާތް ހިފެހެއްޓުމަކީވެސް ކުރަން ޖެހޭ މަސައްކަތްތަކެއްގެ ގޮތުގައި އަދުރޭ ފާހަގަކުރެއްވިއެވެ.

"މިއީ ހައްތަހާވެސް މި މަޖިލީހުގެ ތެރޭގައި ކުރިއަށް އޮތް ދުވަސްތަކުގައި މަޝްވަރާކޮށް، ބަހުސްކޮށް، ސަރުކާރާއެކު މަސައްކަތްކޮށް ގޮތް ނިންމަން ޖެހޭ ކަންކަން."

އަދުރޭ ވިދާޅުވީ އާ ގާނޫނުތައް ތައާރަފްކުރުމާއި ހުރި ގާނޫނުތައް އަލުން ބަލާއިސްލާހުކުރުމާއި އަމަލުކުރަމުންދާ ބައެއް ގާނޫނުތަކުގެ ތެރެއިން ވަގުތާއި ފައިހަމަނުވާ ގާނޫނުތައް އުވާލައިމާއި ގާނޫނުތަކުގެ އިތުރުން ގަވާއިދުތައްވެސް ގާތުން ބަލާ އެއީ ގާނޫނުން ބާރު ލިބިގެން ގާނޫނުން ދާއިރާގެ ތެރެއިން ހަދާ ހިންގާ ގަވާއިދުތަކެއްކަން ކަށަވަރުކުރަން ޖެހޭ ކަމަށެވެ. އަދި ގާނޫނުން ބޭރުގައި ހުރި ގަވާއިދުތައް ގާނޫނުގެ ތެރެއަށް ވައްދަން ޖެހުމާއި ދޫކޮށްލުމުގައި ނިންމުންތަކެއް ނިންމަން ޖެހޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ކޮނޑުއަޅަނީ ބޮޑު، ބިޔަ އަދި ބުރަ މަސައްކަތެއް ކަމަށާއި މިކަންކަމާ ކުރިމަތިލާ މި ކަންކަމާ މެދު މަޝްވަރާއާއި ބަހުސްކޮށް ގައުމަށް އެންމެ ފައިދާ ހުރި ގޮތްތަކަށް ކަންކަން ނިންމުމުގައި މި މަޖިލީސް ވަރުބަލި ވުމެއް ނެތި ދެމިއޮންނާނެ ކަމާމެދު ޝައްކެތް ނުކުރައްވާ ކަމަށެވެ. އަދި މި މަޖިލީހަށް މެންބަރުން ވަޑައިގަތީ ގައުމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވުމުގެ އިހުލާސްތެރި ނިޔަތުގައި ދާއިރާގެ ރައްޔިތުންގެ ލޯތްބާއި ތާއީދު ހޯދަވައިގެން ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މި މަޖިލީހުގައި ޖޯޝާއި ފޯރިއާއެކު ގައުމުގެ ހައްގުގައި ވަކާލާތު މަސައްކަތް ކުރެއްވުމަށް ހިތާއި ރޫހުން އަޒުމު ކަނޑައަޅުއްވައިގެން ކަމަށާއި މި މަޖިލީހަކީ ރައްޔިތުންގެ މަޖިލީސް ކަމަށާއި މި މަޖިލީހަކީ ރާއްޖޭގެ ވެރިކަން ތަރުތީބުކުރެވިފައިވާ ގޮތުން ދައުލަތުގެ އެއް ބާރު ކަމަށެވެ. އަދި ގައުމީ ބަހުސްތައް ހިނގާނެ އެންމެ އުސް އަދި އެންމެ އިސް މަޖިލީސް ކަމަށާއި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރާނެ ރައްޔިތުންގެ މަޖިލީސް ކަމަށާއި އެހެންކަމުން މިތާގައި ދެކެވޭ ވާހަކަތާއި ކުރެވޭ ބަހުސްތަކާއި ހިނގާ މަސައްކަތުގައި ތަފާތު ހިޔާލުތަކާއި ތަފާތު ވިސްނުންތަކާއި ތަފާތު ނަޒަރިއްޔާތުތަކަށް ފުރުސަތު ލިބެންވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އެހެންނަމަވެސް އެކަންކަން ހިނގަންވާނީ މަޖިލީހުގެ ކަރާމާތާއި ގަދަރު ހިފެހެއްޓޭ ގޮތަށް ކަމަށާއި މަޖިލީހުގެ ހަމަތަކާއި ސުލޫކީ މިންގަނޑުގެ ތެރެއިން ކަމަށް އަދުރޭ ފާހަގަކުރެއްވިއެވެ.

އަދުރޭ ވިދާޅުވީ މަޖިލީހަށް ބިލާއި މައްސަލަ ހުށަހެޅޭ ހިސާބުން ފެށިގެން އެ ބިލެއްގެ ކަންކަން މަޖިލީހުން ނިންމާ ގޮތެއް ނިމުމާ ހަމައަށް ހިންގާ މަޖިލީހުގެ މަރުހަލާ ތަކުގައި ހުރި މައްސަލަތަކުގައި ދިރާސާކޮށް މަޖިލީހުގެ ތަޅުމުން ފެށިގެން ކޮމިޓީތަކުގެ ތަޅުމާ ހަމައަށް ކަންކަން ހިނގާގޮތް ދިރާސާކޮށް މިއަދު ރައްޔިތުންގެ ހިތުގައި ޖެހާ ވިންދާއި ފައިހަމަވާ ގޮތަކަށް ރަނގަޅުކޮށް އިސްލާހުކުރުމަށް ވިސްނުން ބައްޓަން ކުރައްވާނެ ކަމަށެވެ.

މި މަޖިލީހާއި ބޭރުގެ މަޖިލިސްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި އޮތް ގުޅުންތައްވެސް އިތުރަށް އާލާކޮށް ވަރުގަދަކުރުންވެސް ވަގުތު ދޭން ވާނެ ކަން ފާހަގަކުރައްވާ އަދުރޭ ވަނީ އޭނާގެ ހިއްސާއާއި ސަމާލުކަމާއި ވަގުތު މަޖިލީހަށާއި މެންބަރުންނަށާއި މުވައްޒަފުންނަށް ލިބޭނެ ކަމުގެ ފުރިހަމަކަން އަރުވާފައެވެ.

މި 5 އަހަރުގައި ގައުމަށް ފާގަތިކަމާއި ކުރިއެރުމާއި ހަމަޖެހުމެއް ލިބޭ ރައްޔިތުން އުފާވެ ފަހުރުވެރިވާ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.