ވެރިކަން ކުރާ ޕީއެންސީގެ އެތެރޭގައި ރެނދު އަޅުވާލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހެއްދެވޭނެ އެއްވެސް "ފަންޑިތައެއް" ނުވަތަ "ސިހުރެއް" ނޯންނާނެ ކަމަށާއި، ޕާޓީގެ ލީޑަޝިޕް އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއެކު ވަރަށް ވަރުގަދަކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޑރ. މުއިއްޒާއެކު އެބޭފުޅުން ސާބިތުވެ ތިއްބެވީ ފުރިހަމަ އިހުލާސްތެރިކަމާއި، ތެދުވެރިކަމާއި، ވަފާތެރިކަމާއެކު ކަމަށެވެ. އަދި ރައީސް ޔާމީނަށް ޕީއެންސީގެ އެތެރެ ރޫޅާނުލެއްވޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސް ޔާމީން ދަށު ދަރަޖައަކަށް ވެއްޓިވަޑައިގެންފައިވާ ކަމަށް ސިފަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުން އިންތިހާބުކޮށްފައި ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގެ ކުރިއަށް އެ މަގާމުގެ ނަން ގެންނަން ނުކެރޭ ހިސާބަށް ވެރިކަން ކުރެއްވި ބޭފުޅެއްގެ ފެންވަރު ދިޔުމުން، އެމަނިކުފާނުގެ ހިތްޕުޅުގައި އަށަގެންފައިވާ ހަސަދަވެރިކަމުގެ ބޮޑުމިން ވަރަށް ރަނގަޅަށް ހާމަވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ލަގަބަކީ ވަކި މީހަކަށް ހާއްސަ ނަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަން ނިމުނު ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޑރ. މުއިއްޒާއި، މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު އަދި އެމަނިކުފާނުގެ ސިޔާސީ ހަޔާތް އަދި ނުނިމޭ ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ނިމިގެންދިޔައީ ބޮޑާކަމާއި، ކިބުރުވެރިކަމާއި، ބަސްނޭހުމާއި، އަދުލު އިންސާފު ގާއިމުނުކުރުމާއި، ދައުލަތުގެ ބައިތުލްމާލަށް ހިޔާނާތްތެރިވުމާއި، އަނބިކަނބަލުންގެ ދަށުވުމުގެ ސަބަބުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ޕޯޑިއަމްތަކުގައި މިހާރު ތިއްބެވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ވަޒީރު މަލީހް ޖަމާލަށް އިޝާރާތްކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، އެ ބޭފުޅުންނަކީ އެއްގޮތެއްގައި ދެމިތިބެވޭނެ އަދި އިހުލާސްތެރިކަމެއް ހުރި ބައެއް ނޫން ކަމަށެވެ. އަދި ޑރ. ޖަމީލް ނައިބު ރައީސް ކަމުން ވަކިކުރަން އެމްޑީޕީގެ މުޒާހަރާތަކުގައި ބައިވެރިވި ކަމުގެ ހެކި ހިއްޕަވައިގެން ވަޑައިގެންނެވީ ހުދު ރައީސް ޔާމީން ކަން އަދުރޭ ހަނދާންކޮށްދެއްވިއެވެ.
މީގެއިތުރުން، މި ސަރުކާރުން ރައްޔިތުން ބޭނުންވާ ކަންކަން ނުކުރެވޭ ކަމަށް ބުނެ ދައްކާ ވާހަކަތައް ދޮގުކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، ހަގީގަތުގައި ނުވެގެން އުޅެނީ ރައްޔިތުން ބޭނުންވާ ކަންކަން ނޫން ކަމަށާއި، ރައީސް ޔާމީން އަމިއްލަފުޅަށް ބޭނުންވާ ކަންކަން ކަމަށެވެ. އަދި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޕީއެންސީގައި ތިބި 3،022 މެންބަރުންގެ އަދަދު މިއަދު 77،000 އަށް އަރާފައިވަނީ ރައްޔިތުންގެ އަޑުއަހައިގެން، ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކުރައްވާތީ ކަމަށް ވިދާޅުވިއެވެ.
