ރައްޔިތުންގެ މަޖިލީހުގައި 21 އަހަރު ވަންދެން ހިދުމަތް ކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، އެ މަޖިލިސް "ކުއްތާ ކޮށްޓެއް" ގެ ގޮތުގައި ސިފަކުރެއްވުމަކީ އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް ބޮޑާކަމާއި ކިބުރުވެރިކަން ހާމަވާ ކަމެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ޕީއެންސީގެ ޖަގަހަ ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ވަކި ބަޔަކު އައްޔަނުކޮށްފައި ތިބި ބައެއް ނޫން ކަމަށާއި، އެއީ ރައްޔިތުން ވޯޓުދީގެން އިންތިހާބުކޮށްފައިވާ މަންދޫބުން ކަމަށެވެ. އަދި ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރު ތަމްސީލުކުރައްވާ މެންބަރުން މަޖިލީހުގައި އަޑުއުފުލައި ބަސްބުނާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީނަށް އަމާޒުކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، ގައުމުގެ ވެރިކަން ކުރައްވައި އެތައް އަހަރަކު މަޖިލީހުގައި އިންނެވި ބޭފުޅަކު މިފަދަ ދަށު ދަރަޖައަކަށް ވެއްޓިވަޑައިގަތުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ. އަދި ވެރިކަމުގެ ދަހިވެތިކަން އިންސާނެއްގެ ހިތުގައި އޮތް މިންވަރު މިފަދަ އަމަލުތަކުން ސާފުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، އެމަނިކުފާނާ ގުޅުވައިގެން ދައްކާ އެކި ވާހަކަތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، "ޓިނު ކަފާ ވާހަކަ، ޓިނު ޖަހާ ވާހަކަ، ޓިނު ނަގާ ވާހަކަ އަދި ޓިނު ވިއްކާ ވާހަކަ" ދެއްކިޔަސް އެއްގޮތަކަށްވެސް ދެރަނުވާނެ ކަމަށެވެ. އެއީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، އެފަދަ ކަންކަމާ ކަންބޮޑުވެގެން "ބޮޑިބަތް ކައްކައިގެން ސައްލާ ކުރަން" ނުތިބޭނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް ބޮޑެތި ބިޔަ ގައުމުތަކަށް ލިބިގެންވާ ހުރިހާ ހައްގެއް ލިބިގެންވާ މިނިވަން މުސްތަގިއްލު ގައުމެއްކަން ފާހަގަކުރައްވަމުން، އަބްދުއްރަހީމް ވިދާޅުވީ ދައުލަތުގެ ކޮންމެ މުއައްސަސާއަކުންވެސް މަސައްކަތް ކުރަމުންދަނީ ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރުމަށް ކަމަށެވެ.