ފައިސާ ދީގެން އެސައިންމަންޓު ހަދާ މައްސަލަ މިހާރު ރާއްޖޭގައި އިތުރުވެފައިވާ ކަމަށާއި މިކަމަށް ހައްލެއް ގެނައުމަށް މި މައްސަލަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ފުލުހަށް ހުށަހަޅާފައިވާ ކަމަށް އެމްކިއުއޭ އިން ބުނެފިއެވެ.

މިއަދު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްކިއުއޭގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވީ ގަވައިދާ ހިލާފަށް ފައިސާ ދީގެންނާއި އެ ނޫން ގޮތްގޮތަށް އެސައިންމންޓުތައް ހަދާ ކަމަށް ތުހުމަތު ކުރެވޭ ތިން މައްސަލައެއް އެމްކިއުއޭގެ ފަރާތުން ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

މީގެއިތުރުން ފިޒާނާ ވިދާޅުވީ އެ އޮތޯރިޓީން އިންސްޓިޓިއުޝަނަލް އޮޑިޓުތަކެއްގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށާއި، ދެ ޔުނިވާސިޓީއެއްގެ އޮޑިޓު ނިމުމަކާ ހަމައަށް މިހާރު ގޮސްފައިވާ ކަމަށެވެ.

އެޑްވައިޒަރީ ބޯޑުގެ ނިންމުމާއެކު އަޅުގަނޑުމެން އެ ދެ އޮޑިޓްގެ ރިޕޯޓު ޕަބްލިޝް ކުރަމުން ގެންދާނަން. ހަމަ އެހެން އޮޑިޓް ރިޕޯޓުތައް ވެސް ނިމޭ ވަރަކުން އަޅުގަނޑުމެން ޕަބްލިޝް ކުރަމުން ގެންދާނަން،
ފިޒާނާ ރަޝީދު

ރާއްޖޭގައި ފައިސާ ދީގެން އެސައިންމަންޓުތައް ނިންމާ މައްސަލަ އިތުރުވެ، 2021 ވަނަ އަހަރު އޭޕްރީލް މަހު ފައިސާއަށް އެސައިންމަންޓު ހަދާދިނުމަކީ ގާނޫނީ ކުށަކަށް ވަނީ ހަދާފައެވެ. އަދި އެފަދައިން އަމަލު ކުރާނަމަ ޖޫރިމަނާ ކުރުމަށްވެސް ވަނީ ނިންމާފައެވެ.

އެގޮތުން ދަރިވަރަކު އެހެން ފަރާތެއް ލައްވައި އަގު ދީގެން އެސައިންމަންޓް ހަދައިފިނަމަ 5،000 ރުފިޔާއިން އަދި އަގަށް އެފަދަ މަސައްކަތްތައް ކުރަން ހުށަހަޅާ ފަރާތްތައް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ވަނީ ނިންމާފައެވެ.