ދަރިވަރުންގެ ސްކޯލާޝިޕްތަކަށާއި ލޯނަށް ގަވައިދުން ފައިސާ ޖަމާވުން ލަސްވަނީ މިނިސްޓްރީ އާ ދަރިވަރުން ހިއްސާކުރާ މައުލޫމާތު ފުރިހަމަނުވާތީ ކަމަށް، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ސްކޯލާޝިޕްތަކުގައި ކިޔަވާ ދަރިވަރުންގެ ފައިސާ އާއި ޓިއުޝަން ފީ ޖަމާވުން ލަސްވާތީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރްޒޫގު ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، މިނިސްޓްރީން އިއުލާނުކުރާ ސްކޯލާޝިޕް ފުރުސަތުތަކުގެ ދަށުން ބޭރު ގައުމުތަކަށް ކިޔަވަންދާ ދަރިވަރުން ފުރުމުގެ ކުރިން ކަންކަން ހަމަޖެއްސޭހާ ވަގުތު އޮއްވައި ދަރިވަރު ފުރާ ދުވަސް އެންގުމަށް ފަހު ފުރާ ނަމަ އެ ދަރިވަރަކަށް ދެ މަސްދުވަހުގެ ފައިސާ އެމެރިކާ ޑޮލަރުން ހަވާލުކުރެވޭ ކަމަށެވެ.

ދަރިވަރަށް އެ ފައިސާ ހަވާލުކުރުމަށް ފަހު، ދަރިވަރު އެ ދާ ގައުމަކަށް ގޮސް އެ ގައުމެއްގެ ބޭންކެއްގައި އެކައުންޓް ހުޅުވައި އެ އެކައުންޓަށް ކޮންމެހެން ފައިސާ ފޮނުވުމަށް ބޭނުންވާކަމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ މައުލޫމާތުތައް ލަސްނުކޮށް ފޮނުވުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އަބަދު ވެސް އިރުޝާދު ދޭ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި ދަރިވަރުންނަށް ފައިސާ ޖަމާކުރަނީ އަހަރަކު ދެ ފަހަރެވެ. އެއީ އެ ދަރިވަރު ކިޔަވަމުންދާ ކަން ދަރިވަރު ކިޔަވާ މަރުކަޒުން މިނިސްޓްރީ އަށް އެންގުމުންނެވެ.

"ދަރިވަރުންގެ ކޯސް ފީ ޖަމާކުރަނީ އެ ދަރިވަރަކު ކިޔަވަމުންދާ ޔުނިވާސިޓީއަކުން ކޯސް ފީ ގެ އިންވޮއިސް މިނިސްޓްރީއަށް ލިބުމުން އެ ޔުނިވާސިޓީއަށެވެ." މިނިސްޓަރުގެ ޖަވާބުގައި ވެއެވެ.

ދަރިވަރުންގެ ޓިއުޝަން ފީތައް ދެއްކުމަށާއި ސްކޯލާޝިޕްތަކަށް ގަވައިދުން ފައިސާ ޖަމާކުރުމުގައި ދަތިވަނީ މިނިސްޓަރު ވިދާޅުވި ގޮތުގައި:

  • މިނިސްޓްރީ އާ ދަރިވަރުން ހިއްސާކުރާ ބޭރުގެ ބޭންކް އެކައުންޓްތަކުގެ މައުލޫމާތު ފުރިހަމަނުވާތީ
  • ދަރިވަރުން މައުލޫމާތުތައް ފުރިހަމަކުރުމަށް ފަހު އަލުން މިނިސްޓްރީއަށް މިނިސްޓްރީއަށް ހުށަހެޅުމުގައި ވެސް ވަގުތު ހޭދަވާތީ
  • ދަރިވަރުން ކިޔަވާ ޔުނިވާސިޓީތަކުން އިންވޮއިސް ލިބުން ލަސްވާތީ
  • ދީފައިވާ އިރުޝާދާ ހިލާފަށް، ދަރިވަރުން ކިޔަވަމުންދާ ކަން ކަށަވަރުނުކުރެވޭ، ކޯހަށް ހޮވުނުކަން އަންގައިދޭ ފަދަ ލިޔުން ހުށަހަޅާތީ

މި މައްސަލަ ހައްލުކުރުމަށްޓަކައި ދަރިވަރުންނަށް ޓިއުޝަން ފީ ޖަމާކުރާނެ ގޮތުގެ ތާވަލެއް ތައްޔާރުކޮށް، ތާވަލުކޮށްފައިވާ ތާރީހަށް ފައިސާ ޖަމާކުރުމަށް ބޭނުންވާ އިންވޮއިސް މިނިސްޓްރީން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.