ލޯނު ސްކީމްގައި ކިޔަވާ ދަރިވަރުންނަށް، ބޭންކު ރޭޓުގައި ޑޮލަރު ހޯދުމަށް ދިމާވެފައިވާ ދަތިކަން ހައްލުކޮށް ދެއްވާނެ ކަމަށާއި، މި މައްސަލައަށް ހައްލު ހޯއްދެވުމުގެ މަސައްކަތްތައް މިހާރު ވެސް ފައްޓަވައިގެން ކުރިއަށް ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި، އެ ގައުމުތަކުގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި، އެ ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވާއިރު، ލޯނު ސްކީމުގައި ކިޔަވާ ދަރިވަރުންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ދަރިވަރުން އެދޭ ކަމަށެވެ. އެހެންކަމުން މި މައްސަލައަށް ރަނގަޅު ހައްލެއް ހޯއްދަވައިދެއްވުމަށް ފިނޭންސް މިނިސްޓަރަށް ދަންނަވައިގެން، އެކަމުގެ މަސައްކަތްތައް މިހާރުވެސް ފެށިގެން ކުރިއަށް ދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަސައްކަތްތައް ކުރިއަށް ދަނީ ގަވަރުނަރުގެ މަޝްވަރާއާ އެކުގައި ކަަމަށެވެ.
ލޯނު ސްކީމްގައި ކިޔަވާ ދަރިވަރުންނަށް، ބޭންކު ރޭޓުގައި ޑޮލަރު ހޯދުމަށް ދިމާވެފައިވާ ދަތިކަން ހައްލުކޮށް ދެއްވާނީ، ރާއްޖޭގެ ބާޒާރަށް ވެސް އެ ކަމުން ނުރަނގަޅު އަސަރެއް ނުފޯރާ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ލޯނު ސްކީމްގައި ކިޔަވާ ދަރިވަރުންނަށް، ބޭންކު ރޭޓުގައި ޑޮލަރު ލިބި، އެ ފައިސާ ބޭނުން ކުރެވެން ވާނީ އެ ދަރިވަރަކު ކިޔަވަމުންދާ ގައުމެއްގައި ކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.
ރާއްޖެއިން ބޭރުގައި ލޯނު ސްކީމާއި ސްކޮލަޝިޕް ޕްރޮގްރާމްތަކުގެ ދަށުން ތައުލީމު ހާސިލު ކުރުމުންދާ ދަރިވަރުންނަށް ފޯރުކޮށްދޭން ޖެހޭ މާލީ އެހީތެރިކަން ގަވާއިދުން ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ ހާއްސަ ސަމާލުކަމެއް ދެމުންނެވެ. ގައުމުން ބޭރުގައި، ލޯނު ސްކީމުގެދަށުން މި ވަގުތުވެސް 1600 އަށް ވުރެ ގިނަ، ދިވެހި ދަރިވަރުން ދަނީ މަތީ ތައުލީމު ހާސިލު ކުރަމުންނެވެ.