ކުލަ ހެދުމުގައި ތިބި ދެ ފުލުހަކަށް ބިރުދައްކައި މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ހައްޔަރުކުރި ތިން މީހުންގެ ބަންދަށް 22 ދުވަސް އިތުރުކޮށްފިއެވެ.

މި މަހުގެ 18 ވަނަ ދުވަހުގެރޭ 10 ޖަހާކަން ހާއިރު ކުލަ ހެދުމުގައި ތިބި ދެ ފުލުހަކަށް ވަޅިން ބިރުދައްކައި މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރީ 35 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ ދެ ފިރިހެނުންނެވެ. އެއީ:

  • ޒައިދު ހުސައިން، މ. ފޮނިތުޅާގެ / މާލެ (35އ)
  • އަހްމަދު ތަލްހަތު، މ. ފޮނިތުޅާގެ / މާލެ (39އ)
  • ހުސައިން މަސީހު، މ. ޔުނިކް / މާލެ (39އ)

މި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން އަމުރުކުރީ ތިން މީހުން ހަތް ދުވަހަށް ބަންދުކުރުމަށެވެ. މި ތިން މީހުންގެ ތެރެއިން ޒައިދާއި މަސީހު ވަނީ ފުލުހަށް ވަޅިން ބިރުދައްކައި އިންޒާރުދިން ކަމަށް ކޯޓުގައި އިންކާރުކޮށްފައެވެ. ފުލުހުން ކޯޓުގައި ބުނީ، މި މައްސަލައިގައި ހިމެނޭ ތަލްހަތު ހިފެހެއްޓީ ފުލުހުންނަށް ބިރުދައްކައި ވަޅިން ހަމަލާދޭނެ ކަމަށް ބުނެ، އޭނާގެ ގެއަށް ވަންނަން ދުއްވައިގަތުމުން ކަމަށެވެ.

ތިން މީހުން ވެސް ވަނީ މި މައްސަލައިގައި ވަކީލަކާ އެކު ކުރިއަށް ދިއުމުގެ ފުރުސަތަކަށް އެދިފައެވެ.

އިއްޔެ މި ތިން މީހުންގެ ބަންދުގެ މުއްދަތު ހަމަވުމުން ބަންދުގެ މުއްދަތު އިތުރުކުރުމަށް ބޭއްވި އަޑުއެހުމަށް ފުލުހުން ވަނީ ހާދިސާ ހިނގި ސަރަހައްދުގެ ސީސީޓީވީ ފުޓޭޖު ހުށަހަޅައިފައެވެ.

ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން، ތިން މީހުން ކުށްކުރިކަމަށް އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ވެއެވެ. އަދި ތިން މީހުންގެ ކުށުގެ ރެކޯޑެއް އޮންނަކަން ފާހަގަކޮށް، ތިން މީހުން ބަންދުން ދޫކޮށްލައިފިނަމަ، މި ތިން މީހުންގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާނެ ކަމަށް ވެސް ވެއެވެ.

އެހެންކަމުން ކޯޓުން ވަނީ މި ތިން މީހުންގެ ބަންދަށް 22 ދުވަސް އިތުރުކޮށްފައެވެ.

ހަމަ އެއާއެކު މި ތިން މީހުން ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތާ މެދު ޝަކުވާތައް ލިބިފައިވާތީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން އެކަން ބަލަމުންދާ ކަމަށް، ފުލުހުން އޭރު ބުނެފައިވެއެވެ.