ކޯޓު އަމުރެއްގެ ދަށުން، ގަލޮޅު ދަނޑުގައި ހުންނަ އެފްއޭއެމްގެ އޮފީހަށް ފުލުހުން ވަދެއްޖެއެވެ.
ޓެކްނިކަލް އަދި އިދާރީ ބައެއް މަސައްކަތްތައް ކުރާ އެ ތަނަށް ފުލުހުން ކޯޓު އަމުރެއްގެ ދަށުން ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ބޭރުގެ ބައެއް ޖަމާއަތްތަކުން ފޮނުވާ ފައިސާ އަށް ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި ޕްރޮސެކިއުޓަރު ޖެނެރަލްގެ އަމުރަށް މިދިޔަ އަހަރު އެފްއޭއެމްގެ މައި އޮފީހަށް ފުލުހުން ވަދެ، ތަހްގީގަށް ބައެއް ތަކެތި ގެންދިޔައެވެ.
މި މައްސަލައިގެ ތަހްގީގު ނިމެންދެން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ މީގެ ކުރިން އަމުރެއް ނެރެފައެވެ. އަދި ދައުލަތުން އެދިގެން، މި މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ މިފަހުން އަމުރުކޮށްފައެވެ.
ބައްސާމްގެ މައްޗަށް ދައުލަތުން މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވަނީ 9،999 އެމެރިކާ ޑޮލަރު އޭނާގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާގެ ތެރެއިން 1,910 އެމެރިކާ ޑޮލަރު ސެޕްޓެމްބަރު 2، 2018 ގައި އަމިއްލަ މީހެއްގެ އެކައުންޓަކަށް ޖަމާކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ގްލޭސިއާ އިންވެސްޓްމަންޓްސްގެ ކަންކަމަށް ބޭނުންކޮށްފައި ވާތީއެވެ.
މީގެ އިތުރުން އޭނާ ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފުލެޓުގެ އެޕާޓްމެންޓުގެ ކުލި ދައްކަން ވެސް އޭގެ ތެރެއިން 2،000 ޑޮލަރު ބޭނުން ކޮށްފައިވާ ކަމަށް ދައުލަތުން ކުރާ ދައުވާގައިވެއެވެ.
ބައްސާމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާތައް ސާބިތުވެއްޖެ ނަމަ އެއް ލައްކަ ރުފިޔާ އާއި އެއް މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލާނެއެވެ.
އޭނާގެ މައްޗަށް ކުރެވޭ ހިޔާނާތުގެ އިތުރު މައްސަލަތަކެއް ވެސް ފުލުހުން ގެންދަނީ ބަލަމުންނެވެ.