ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކްލަބުތަކަށް ސަބްސިޑީގެ ގޮތުގައި ދިން ފައިސާއަށް އެ ކްލަބްތަކުގެ ވެރިން ހިޔާނާތްތެރިވެފައިވާ މައްސަލަތަކެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

2023 އިން ފެށިގެން އެފްއޭއެމް އާއި ގުޅޭ ހިޔާނާތުގެ މައްސަލަތަކެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލަތަކާއި ގުޅިގެން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް، ބައްސާމަށް ދައުވާތަކެއްކޮށްފައި ވާއިރު އެ މައްސަލައިގައި އިތުރު ދެ މީހަކަށާއި އަމީން ކޮންސްޓްރަކްޝަނަށް ވެސް ދައުވާކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ން ވަނީ އެދިފައެވެ.

ތަހުގީގު ކުރަމުންދާ މައްސަލަތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން މިއަދު ބުނީ ބައްސާމް، މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން އޭނާ ހިއްސާވާ ކުންފުންޏަކަށާއި، އެފްއޭއެމްގައި އޭރު މަސައްކަތްކުރި ފަރާތްތަކުގެ އެކައުންޓުތަކަށް އެފްއޭއެމްގެ ފައިސާ ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަވެސް ހިމެނޭ ކަމަށް ވެއެވެ.

އަދި ހަމަ އެހެންމެ މީގެ އިތުރުން، އެފްއޭއެމްއިން ކްލަބުތަކަށް ދެމުންދާ ސަބްސިޑީ، އެ ކްލަބުތަކުގެ އިސްވެރިންގެ އަމިއްލަ އެކައުންޓުތަކަށާއި އެ ފަރާތްތައް ހިއްސާވާ ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަން ފާހަގަކުރެވި، އެ މައްސަލައިގެ ތަހުގީގުވެސް ކުރިއަށްދާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ބައްސާމަށް ކޮށްފައިވާ ދައުވާތަކުގެ އިތުރުން ޕީޖީ އޮފީހުން ވަނީ ބައްސާމް ހިންގި ހިޔާނާތާ ގުޅިގެން އެފްއޭއެމްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 1.2 މިލިއަން އެމެރިކާ ޑޮލަރު ބައްސާމުގެ އަތުން ނަގައިދިނުމަށް ވެސް އެދިފަ އެވެ. އޭގެ އިތުރުން މަނީލޯންޑާ ކޮށްފައިވާ ފައިސާ ބޭނުންކޮށްގެން ބައްސާމް ހޯދައި ލިބިގަނެ ބޭނުންކުރަމުން ގެންދިޔަ އަމީން އެވެނިއު އެޕަރޓްމަންޓް A1205 އަދި A1206 ދައުލަތަށް ނަގައިދިނުމަށް ވެސް އެދިފައި ވެއެވެ.