ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލާ ދެކޮޅަށް އުފުލާފައިވާ ދައުވާގެ އަޑު އެހުމެއް މިއަދަށް ތާވަލުކޮށްފިއެވެ.
ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ވަނީ ބައްސާމްގެ މައްޗަށް ދެ ދައުވާއެއް އުފުލައިފަ އެވެ. އޭގެ ތެރޭގައި އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑގެ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެއް މިލިއަން ދެލައްކަ އެމެރިކާ ޑޮލަރަށް ހީޔާނާތްތެރިވެފައިވާ ކަމުގެ ދައުވާ ވަނީ ކޮށްފައެވެ.
މީގެ އިތުރުން ބައްސާމްގެ މައްޗަށް ވަނީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އުފުލާފައެވެ. މި ދައުވާގައި ވަނީ ބައްސާމު، އަމީން އެވެނިއުގެ ބްލޮކް A ގެ 12 އަދި 13 ވަނަ ފަންގިފިލާގެ 8 ކޮޓަރިއާއި 10 ފާހަނައިގެ ނަންބަރު A1205 އާއި A1206 އެޕަރޓްމަންޓް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން، އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑއަށް ޖީއެސްޓީ ހިމެނޭ ގޮތަށް ދައްކަންޖެހޭ ޖުމްލަ ފަންސަވީސް މިލިއަން ރުފިޔާ ގެ ތެރެއިން ބުކިން ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެތަނުގެ އަގަށްވާ ފައިސާގެ ގޮތުގައި އެފްއޭއެމްގެ ޑޮލަރު އެކައުންޓުން އެކި އެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަން ދައްކާފައިވާ ކަމަށެވެ.
މި ދެ ދައުވާގެ ޝަރީއަތުގެ އެންމެ ފަހުން އޮތް އަޑު އެހުމުގައި ދައުލަތުން ވަނީ އޭނާގެ މައްޗަށް ދައުވާ އިއްވައި، ދައުވާ ސާފުކޮށްދީފަ އެވެ. އެ ދުވަހުގެ އަޑު އެހުމުގައި ބައްސާމްވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.
ދެ ދައުވާއަށް ބައްސާމް އިންކާރު ކޮށްފައިވާތީ، ޝަރީއަތް ފެށުމުގެ ކުރީގެ ހުށަހެޅުންތަކަށް 10 ދުވަހުގެ ފުރުސަތެއް ގާޒީ ދެއްވި އެވެ. މިއަދުގެ އަޑު އެހުމަކީ، އެފަދަ ހުށަހެޅުމެއް އޮތް ނަމަ ހުށަހަޅަން އޮންނަ އަޑު އެހުމެވެ. މި އަޑު އެހުން އޮންނާނީ، މިއަދު މެންދުރު 11:45 ގައި ކްރިމިނަލް ކޯޓުގައެވެ.
މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު ޕީޖީން ބުނީ ތަހުގީގަށް ކުރިއެރުން ލިބޭ ވަރަކުން، ހެކި ގަރީނާ ވަޒަންކޮށް، މައްސަލާގައި އިތުރު ދައުވާތައް ކޯޓަށް ހުށަހަޅަމުން ގެންދާނެ ކަމަށެވެ.