އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ހިޔާނާތުގެ މައްސަލަތާއި ގުޅިގެން ހެކިބަސް ނެގުމަށް، އެފްއޭއެމްގެ ކުރީގެ ނާއިބު ރައީސް އަލީ އުމަރު ކޯޓަށް ހާޒިރުވުމަށް އަނެއްކާވެސް އަންގައިފިއެވެ.
މި މައްސަލައާއި ގުޅިގެން އަލީ އުމަރު ކޯޓަށް ހާޒިރުކުރުމަށް އަންގާފައިވަނީ މިއަދުއެވެ. މީގެ ކުރިން ދެ ދުވަހެއްގެ މަތިން އަލީ އުމަރު ކޯޓަށް ހާޒިރުކުރުމަށް ނިންމާފައިވީ ނަމަވެސް، އޭނާ ކޯޓަށް ހާޒިރުވެފައެއް ނުވެއެވެ. އެންމެ ފަހުން އޮތް ޝަރީއަތުގައި މައްސަލަ ބައްލަވާ ފަނޑިޔާރުވަނީ މިއަދުގެ އަޑު އެހުމަށް އަލީ އުމަރު ހާޒިރު ކުރައްވާނެ ކަމަށް ވިދާޅުވެފައިވާއިރު އަލީ އުމަރު ކޯޓަށް ހާޒިރު ކުރަނީ ދައުލަތުން ހުށަހަޅާ ހެއްކެއްގެ ގޮތުގައެވެ. މި މައްސަލައިގައި ދައުލަތުން ވަނީ ފަސް މީހެއްގެ ހެކި ބަސް ނެގުމަށް ނިންމާފައެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާ އިން ފޮނުވި ފައިސާތަކަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ބައްސާމުގެ މައްޗަށް ވަނީ ދެ ދައުވާއެއް އުފުލާފައެވެ. ބައްސާމްގެ މައްޗަށް ފުރަތަމަ ދެ ދައުވާކުރީ ފީފާއިން ފޮނުވި ފައިސާގެ ތެރެއިން 10،000 ޑޮލަރު އޭނާގެ އަމިއްލަ އެކައުންޓަށް ފޮނުވައި، އަމިއްލަ ކަންކަމަށް ބޭނުންކޮށްފައި ވާތީއެވެ.
ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި އެފްއޭއެމްގެ 10،000 ޑޮލަރުގެ ބޮޑު ބައެއް އޭނާ އާއި އަންހެނުންގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްސްގެ ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ދައުލަތުން ތުހުމަތުކޮށްފައިވާއިރު އެ ފައިސާގެ ތެރެއިން 2،000 ޑޮލަރު ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފްލެޓުގެ ކުލި ދައްކަން ބޭނުންކުރިކަމަށްވެސް ވަނީ ތުހުމަތުކޮށްފައެވެ.