ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ކަމަށް ގައުމީ ޓީމުގެ ކުރީގެ ފޯވާޑު އަހުމަދު ތޯރިގު (ޓޮމް) އިންތިހާބުކޮށްފިއެވެ.
މި އިންތިހާބުގައި ވާދަކުރައްވާފައިވަނީވެސް ތޯރިގު އެކަންޏެވެ. އެހެންކަމުން އެފްއޭއެމްގެ މެމްބަރު ހުރިހާ ކްލަބެއްގެ ތާއީދާ އެއްގޮތަށް ތޯރިގަށް ވަނީ އެފްއޭއެމްގެ ރައީސްކަން ލިބިވަޑައިގެންފައެވެ.
މިއީ ތޯރިގަށް އެފްއޭއެމްގެ ރައީސްކަން ލިބިވަޑައިގެންނެވި ދެވަނަ ފަހަރެވެ. އެގޮތުން 2016 ވަނަ އަހަރު ތޯރިގު ވަނީ އެފްއޭއެމްގެ ރައީސްކަން ކުރު މުއްދަތަކަށް ކުރައްވާފައެވެ. ހަަތަރު ވަރަކަށް މަސް ދުވަހު އެފްއޭއެމްގެ ރައީސްކަން ކުރެއްވި ތޯރިގު އަތުން މި މަގާމު ގެއްލިފައިވަނީ 2016 ވަނަ އަހަރު ތޯރިގާ އެކު، އިންތިހާބުވި އެގްޒެކްޓިވް ކޮމިޓީ (އެކްސްކޯ)ގެ ފަސް މެމްބަރުން އިސްތިއުފާ ދިނުމުންނެވެ.
އެ މެމްބަރުން އިސްތިއުފާ ދިނުމާއެކު ގަވައިދުގައިވާ ގޮތުން އިންތިހާބެއް ބާއްވަން ޖެހެއެވެ. އެ އިންތިހާބުގައި ތޯރިގާއެކު ވާދަކުރައްވާ އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ މިދިޔަ ދެ ދައުރު އެފްއޭއެމް ރައީސަކަށް ހުންނެވި ބައްސާމް އަދީލް ޖަލީލެވެ.
ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ވަނީ (އެފްއޭއެމް) އަށް ފީފާ އިން ފޮނުވި ފައިސާތަކަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ދެ ދައުވާއެއް އުފުލާފައެވެ. ބައްސާމްގެ މައްޗަށް ފުރަތަމަ ދެ ދައުވާކުރީ ފީފާއިން ފޮނުވި ފައިސާގެ ތެރެއިން 10،000 ޑޮލަރު އޭނާގެ އަމިއްލަ އެކައުންޓަށް ފޮނުވައި، އަމިއްލަ ކަންކަމަށް ބޭނުންކޮށްފައި ވާތީއެވެ.
ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި އެފްއޭއެމްގެ 10،000 ޑޮލަރުގެ ބޮޑު ބައެއް އޭނާ އާއި އަންހެނުންގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްސްގެ ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ދައުލަތުން ތުހުމަތުކޮށްފައިވާއިރު އެ ފައިސާގެ ތެރެއިން 2،000 ޑޮލަރު ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފްލެޓުގެ ކުލި ދައްކަން ބޭނުންކުރިކަމަށްވެސް ވަނީ ތުހުމަތުކޮށްފައެވެ.