މާލެއިން ގެއްލިގެން ހޯދަމުން ދިޔަ 14 އަހަރުގެ އަންހެން ކުއްޖަކާ ފެނިފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

އާއިލާއަށް ހަބަރެއްނުވެގެން ކުއްޖަކު ހޯދަމުންދާ ކަމަށް ފުލުހުން އިއުލާންކޮށްފައިވަނީ ރޭގެ ވަގުތެއްގައެެވެ. ފުލުހުން އޭރު ބުނީ ގެއްލިގެން ހޯދަމުން ދިޔައީ ތ. މަޑިފުށި، ނައިޓްރޯސް، އާއިޝަތު ޒޯޔާ ފިކުރީ (14އ) އެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯަދަމުންދިޔަ ޒޯޔާ ރޭގެ ވަގުތެއްގައި މާލެއިން ފެނިފައިވާ ކަމަށެވެ. އަދި އެކުއްޖާގެ ހާލު ރަނގަޅުކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންނަަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.

މިއީ މީނަ ގެއްލުނު ފުރަތަމަ ފަހަރު ނޫން ކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވާ އިރު މީގެ ކުރިންވެސް މި ގޮތަށް ގެއްލި އަދި އަމިއްލަ އަށް ފެނިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖޭގައި ފަހަކަށް އައިސް މީހުން ވީނުވީއެއް ނޭނގި ގެއްލުމުގެ މައްސަލަ ދަނީ އިތުރުވަމުންނެވެ. މިގޮތަށް ގެއްލިގެން ހޯދަން އިއުލާން ކުރާ ގިނަ ބަޔަކު މަދު ވަގުތުކޮޅެއްގެ ތެރޭގައި ފެނުނު ނަމަވެސް އެފަދައިން ގެއްލޭ މީހުން ހޯދަން ގިނަ ދުވަސްތަކެއް ހޭދަ ކުރި ނަމަވެސް ބައެއް މީހުން ވީނުވީ ނޭނގިފައިވެސް އެބަ ހުއްޓެވެ.