ގާނޫނީ ވަކީލު މަހުފޫޒު ސައީދަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

އިއްޔެ 'އެކްސް' އެކައުންޓުގައި މީހަކު ކުރި ޕޯސްޓެއްގައި މަހުފޫޒުގެ އެކްސް އެކައުންޓް ޓެގްކޮށް، "ވަޅިއެއް ޖަހަންވީތޯ" ސުވާލުކޮށްފައިވާއިރު ފަހުން އެ އަކައުންޓްވަނީ ޑީއެކްޓިވޭޓްކޮށްފައެވެ.

ކާކުކަން ނޭގޭ އައިޑީ އަކުން ޖެހި އެ ޕޯސްޓަށް ޖަވާބުދެއްވަމުން މަހުފޫޒު ވިދާޅުވީ އެފަދަ ކަމެއް ކުރުމުގެ ކުރިން އެހުމުން އުފާވާ ކަމަށާއި އެކަމަކު އެ ބާވަތުގެ ކަމެއް ކުރަންޖެހޭ ޖާއިޒު އެއްވެސް ސަބަބެއް ނެތުމުން އެކަން ނުކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.

މި ޕޯސްޓަށް ގިނަ ބަޔަކު ކޮމެންޓްކޮށް ކަންބޮޑުވުންފާޅުކޮށްފައިވާއިރު ބައެއް މީހުން ވަނީ މީގެ ކުރިންވެސް މިފަދަ ހަމަލައެއް އަމާޒުވެފައިވާ މަހުފޫޒުގެ ރައްކާތެރިކަމާއި މެދު ކަންބޮޑުވުންފާޅުކޮށް، މި މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

މީގެ 9 އަހަރުކުރިންވެސް މަހުފޫޒުއަށް ބަޔަކު ހަމަލާ ދީފައިވާއިރު އެ މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ. އެހެންނަމަވެސް އެމީހުންގެ މައްޗަށް ކުށް ސާބިތު ނުވެ މިނިވަންވެފައިވާއިރު މިކަމުގެ ކަންބޮޑުވުންތައްވެސް ގިނަ ބަޔަކު ވަނީ ފާޅުކޮށްފައެވެ.