ރޭ ހުޅުމާލެ ފޭސް 2 ހިޔާ ޕާކުގައި ބިދޭސީ މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައާ ގުޅިގެން 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ.

މި ހާދިސާގައި އަނިޔާވެފައި ވަނީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މާރާމާރީގައި އަނިޔާވެފައިވާ އިންޑިއާ މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލާދީ މާލޭގައި ވެސް ބިދޭސީއަކު މީހަކު ޒަހަމްކޮށްލާފައިވެއެވެ. މި ހާދިސާގައި އަނިޔާވެފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނަކަށެވެ.

މި މާރާމާރީގައި އަނިޔާވި ބަންގްލަދޭޝް ފިރިހެން މީހާއަށް ވަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދީފައެވެ. ފަހަކަށް އައިސް މިފަދަ މާރާމާރީތައް އިތުރުވެފައިވާއިރު، މާރާމާރީތަކުގައި ބޮޑެތި އަނިޔާތައްވެ މީހުންގެ ފުރާނަވެސް ގެއްލިފައި އެބަހުއްޓެވެ.