އިތުރު 7 ގައުމަކުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައި ގަތުމަށް ނިންމުމާ ގުޅިގެން ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.

ފަލަސްތީނުގެ މިނިވަންކަން ބަލައިގަތުމަށް ނިންމާ އެކަން އިއުލާނު ކޮށްފައިވަނީ ނޯވޭއާއި, އަޔަލެންޑު، ސްޕެއިން، ބަހާމާސް، ޓްރިނިޑޭޑް އެންޑް ޓޮބޭގޯ، ޖަމައިކާ އަދި ބާބޭޑޯސްއެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ވަނީ ފަލަސްތީނަށް ލިބިގެންވާ ހައްގުތަކާ އެއްގޮތަށް މިނިވަން ދައުލަތެއް ގާއިމުކުރުމުގެ މަސައްކަތަށް ތާއީދުކޮށް، ބާކީ ތިބި ގައުމުތަކުން ވެސް ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އެހެން ގައުމުތަކަށް ވަނީ ގޮވާލާފައެވެ.

އދ. ގައި ހިމެނޭ 193 ގައުމުގެ ތެރެއިން މިހާތަނަށް 143 ގައުމަކުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފައިވީ ނަމަވެސް ޖަރުމަނާއި ފްރާންސް ދަނީ ފަލަސްތީނު ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ދެކޮޅު ހަދަމުންނެވެ. އެ ދެ ގައުމުން ބުނަމުންދަނީ ފަލަސްތީނަށް ވަކި ދައުލަތެއްގެ ދަރަޖަ ދެވޭނީ، އިޒްރޭލާ އެކު ގާއިމުކުރެވޭ ދާއިމީ ސުލްހައިގެ އެއްބަސްވުމެއްގެ ބައެއްގެ ގޮތުގައި ކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 35،709 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި މިމުއްދަތުގައި 79،990 މީހަކަށް އެކިވަރުގެ ޒަހަމްތައް ދީފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.