މާތް ﷲ ގެ މަގުގައި މީހަކަށް ކުރެވޭނެ އެންމެ ހެޔޮ އަމަލުތަކުގެ ތެރޭގައި އިލްމު ހޯދުމަށް މަސައްކަތް ކުރުން ހިމެނޭކަމަށާއި އެއީ، ސުވަރުގެއަށް ވާސިލުކޮށްދޭނެ މަގެއްކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާ ހާއްސަވެގެން ވަނީ 'ދިރާސީ އާ އަހަރަށެވެ'. އެގޮތުން ހުތުބާގައިވަނީ މި ފެށޭ ދިރާސީ އަހަރަކީ ތިމާމެންގެ ދަރީންނަށާ އަދި ބެލެނިވެރިކަމުގެ ދަށުގައިވާ ކުދިންނަށް ހުރިހައި ގޮތަކުންވެސް ބާއްޖަވެރި އަދި ކާމިޔާބު އަހަރެއްކަމުގައި ލެއްވުން އެދި ދުއާކުރުމަށް އެދިފައެވެ. މީގެ އިތުރުން ހުތުބާގައި ވަނީ ކުދިންނަކީ އަހްލާގް ރަނގަޅު ކިޔަމަންތެރި، މައިންބަފައިންނާއި ބެލެނިވެރިންގެ ބަސްއަހާ ކުދިންތަކަކަށް ހެދުމުގެ ބުރަ ބޮޑު ޒިންމާއަށް އިހުމާލު ނުވުމަށް ގޮވާލާފައެވެ. އަދި ކުދީންނަށް އަދާކުރަންޖެހޭ އެންމެހައި ހައްގުތައް ކުޅަދާނަވީ އެންމެ ބޮޑަކަށް އަދާކުރެވޭތޯ ބެލުމަށް އިލްތިމާސްކޮށްފައެވެ.
މިއަދުގެ ދަރިވަރުންނަކީ މާދަމާ ގައުމުގެ ވަހްދަތު ހިމާޔަތްކޮށް، ގައުމުގެ ބަހާތައް ނަގަހައްޓަން ތިބޭނެ ކުދިންކަން ފާހަގަކޮށް ހުތުބާގައި ވަނީ އިލްމު ހޯދުމަށް ގަދައަޅާ މަސައްކަތްކުރުމަށް އެދިފައެވެ. އަދި މަދްރަސީ މަރުހަލާއަކީ، އެ މަރުހަލާއެއް ނިމި ފާއިތުވެއްޖެނަމަ، ދެން އަލުން ލިބޭނެ މަރުހަލާއެއް ނޫންކަން ދަރިވަރުންނަށް ހަނދާންކޮށްދީފައެވެ.
މީގެ އިތުރުން މިއަދުގެ ހުތުބާގައިވަނީ އިސްލާމްދީނުގައި އިލްމުގެ އުނގެނުމުގެ މުހިއްމުކަމަށް އަލިއަޅުވާފައެވެ. އެ ގޮތުން ހުތުބާގައިވަނީ އިލްމަކީ މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވާ ނޫރެއްކަމަށާއި އިލްމުގެ ތެރޭގައި ދުނިޔެ އާރާސްތު ކުރުމަށް ބޭނުންވާ އިލްމާއި އާހިރަތުގެ ހެވާއިލާބަ ލިބިގަތުމަށް ބޭނުންވާ އިލްމު ހިމެނޭކަމަށެވެ. އިލްމުގެ އަހުލުވެރިންނަކީ މާތް ﷲ އެބައެއްގެ ދަރަޖަ މަތިވެރި ކުރައްވާފައިވާ ބައެއްކަން ފާހަގަކޮށް ހުތުބާގައިވަނީ އިލްމުވެރިންނަކީ ނަބިއްޔުންގެ ވާރުތަވެރީންކަމަށާއި ނަބީބޭކަލުން ވާރުތަ ކުރެއްވީ އިލްމުކަމަށެވެ. އަދި ދުނިޔަވީ އެއްވެސް މާއްދީ މުދަލެއް އެ ބޭކަލުންގެ ކިބައިން ވާރުތަވެގެން ނުވާކަމަށް ހުތުބާގައިވެއެވެ.
އިތުރަށް ހުތުބާގައިވަނީ ރަސޫލާ މުހައްމަދު ސައްލައް ﷲ އަލައިހި ވައްސަލަމް ﷲ އެ އެއްޗެއް އިތުރުކޮށްދެއްވުން އެދިވަޑައިގެން އެކަލާނގެއަށް ދުއާ ދެންނެވުމަށް އަމުރު ކުރައްވާފައިވަނީ ހަމައެކަނި އިލްމުވެރިކަން އިތުރުކޮށްދެއްވުމަށް ކަމަށެވެ.