މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ "ޗައިނާ ވައިޓް" އިތުރުވެއްޖެ ކަމަށާއި، އާންމުން ސަމާލުވުމަށް، ހޯމްލޭންޑް މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، "ފެންޓަނީލް-ލޭސްޑް-ޑްރަގްސް" ނުވަތަ އާންމު ނަމުން ނަމަ ޗައިނާ ވައިޓަކީ ބާރުގަދަ ކެމިކަލްތަކެއް އެއްކޮށްގެން އުފައްދާފައިވާ، ބޭނުންކުރާ މީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރެއިން ބާވަތެއް ކަމަށެވެ.

ހަމަ އެހެންމެ ބައިނަލްއަގުވާމީ ބާޒާރުގައި ވެސް މި ބާވަތުގެ މަސްތުވާތަކެތި ދައުރުވަމުންދާ އަދަދު އިތުރުވެފައިވާ ކަމަށް، ހޯމްލޭންޑް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އެހެންކަމުން، ނެޝަނަލް ޑްރަގް އޭޖެންސީ އާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް، މިނިސްޓްރީން ބުންޏެވެ.