ބިދޭސީ މަސައްކަތްތެރިންނާ ގުޅިގެން ދައްކަންޖެހޭ ފީތައް ނުދައްކާ ފަރާތްތަކަށް ހިދުމަތްދިނުން މެދުކަނޑާލުމަށް ހޯމް މިނިސްޓްރީން ނިންމައިފިއެވެ.

މީގެ ކުރިންވެސް ހޯމް މިނިސްޓްރީން ވަނީ ދެ ފަހަރެއްގެ މަތިން ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް ދެއްކުމަށް އިލްތިމާސްކޮށްފައެވެ. އެއާއެކު ވެސް ޖޫރިމަނާ ނުދައްކާ ފަރާތްތަކާ މެދު މިނިސްޓްރީން އަމަލު ކުރާނެ ގޮތް މިއަދު ވަނީ އާންމުކޮށްފައެވެ.

އެގޮތުން އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ބިދޭސީ މަސައްކަތްތެރިންނާއި ގުޅިގެން ދައުލަތަށް ދައްކަންޖެހޭ ފީތައް ގަވާއިދުން ނުދައްކާ ވަޒީފާދޭ ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމުން ދެމުންގެންދާ ހިދުމަތްތަކުގެ ތެރެއިން، އާ ސައިޓް ރަޖިސްޓްރޭޝަން، އާ ކޯޓާ ޕޫލް އަދި އާ ވޯކް ޕާމިޓް ދޫނުކުރާނެކަމަށް ބުނެފައެވެ.

ނަމަވެސް، ސެޓްލްމަންޓް އެގްރީމަންޓްގެ ދަށުން ގަވާއިދުން ފައިސާ ދައްކަމުންދާ ފަރާތްތައް އިސްތިސްނާ ވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި ބިދޭސީންނަށް ވަޒީފާ ދީގެން ގެންގުޅޭ މީހުންނާއި ކުންފުނިތަކުގެ އަދަދު 50،000 އަށް ވުރެ މައްޗަށް އަރަ އެވެ. އޭގެ ތެރެއިން 90 އިންސައްތަ ނުވަތަ 45،000 އަށްވުރެ ގިނަ ބަޔަކު ގަވާއިދުން ފީ ނުދައްކާ ކަމަށް މީގެ ކުރިން އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ބިދޭސީންނަށް ދައްކަން ޖެހޭ ފީތައް ދެއްކުމަށް ބާރު އެޅުމުގެ ގޮތުން ފީ ނުދައްކާ ކުންފުނިތަކުގެ މައުލޫމާތު ވެސް ހޯމް މިނިސްޓްރީން އާންމުކޮށްފައި ވެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ބޮޑެތި ކުންފުނިތަކުގެ ނަންތައް ވެސް ހިމެނެ އެވެ.