ގްރޭޓާ މާލެ ސަރަހައްދުގައި ވަޒީފާ އަދާކުރާ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް މި އަހަރުގެ މާޗު 15 ގެ ކުރިން ހޯމްލޭންޑު މިނިސްޓްރީގެ ފޮރިން ލޭބާ ޑިޕާޓްމެންޓާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ބިދޭސީންނަށް ވަޒީފާ ދޭ ފަރާތްތަކަށް އެ މިނިސްޓްރީ އިން އަންގައިފިއެވެ.

ހޯމްލޭންޑް މިނިސްޓްރީ އިން ބުނީ މި މުއްދަތުގެ ތެރޭގައި ބަޔޯމެޓްރިކްސް އަޕްޑޭޓު ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމްގެ ދަށުން ސަސްޕެންޑު ކޮށް ހިދުމަތް މެދުކަނޑާލެވިގެން ދާނެ ކަމަށެވެ.

މީގެއިތުރުން ބަޔޯމެޓްރިކްސް ނެގުމާއި، އޮޕަރޭޝަން ކުރަނގީގެ ހުރިހާ މަސައްކަތްތަކެއް ކުރިއަށް ދަނީ މި އޮޕަރޭޝަނަށް ހާއްސަކޮށްފައިވާ ޖޮއިންޓު އޮޕަރޭޝަން ސެންޓަރަކުން ކަން ފާހަގަކޮށް ހޯމްލޭންޑް މިނިސްޓްރީ އިން ބުނީ މި ސެންޓަރުގެ ހިދުމަތް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 22:00 އަށް ކުރިއަށް ދާނެ ކަމަށެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 02 ވަނަ ދުވަހުއެވެ.

ހޯމް މިނިސްޓްރީން ބުނީ އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގެ ބޭނުމަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންނަކީވެސް ގަވާއިދުގެ ތެރޭގައި މަސައްކަތް ކުރާ ބަޔަކަށް ހެދުން ކަމަށެވެ. އޮޕަރޭޝަން ކުރަނގީގައި މިހާތަނަށް 18 ހާހަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައިވާއިރު، ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހީމް ވިދާޅުވީ ރާއްޖޭގެ 194 ރަށެއްގައި މި މަސައްކަތް ފަށައި 50 ރަށެއްގައި މި މަސައްކަތް ނިންމާފައިވާ ކަމަށެވެ.

ބިދޭސީންގެ މައްސަލަ 3 އަހަރު ދުވަހުގެ ތެރޭގައި ހައްލު ކުރުމަކީ މި ސަރުކާރުގެ އަމާޒެވެ.