އިމިގްރޭޝަންގެ ބިޔަ އޮޕަރޭޝަނެއް މާލޭގައި ހިންގާ، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ގިނަ އަދަދެއްގެ ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކް ފޯސްއިން ބުރާސްފަތި ދުވަހުގެ ރޭ ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އެ އޮޕަރޭޝަނުގައި ދެ ތަނެއް ބަލައި ފާސްކޮށް ޖުމަލް 102 ބިދޭސީން ޗެކްކޮށްފައިވާ ކަަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެގޮތުން ހެންވޭރުގައި ހުންނަ ގެއަކުން 7 ބިދޭސީންނާއި، މާފަންނު ހަވީރީ ގޯޅީގައި ހުންނަ ބިދޭސީން ދިރިއުޅެމުންދިޔަ ތަނަކުން 18 ބިދޭސީންނާއެކު ޖުމްލަ 25 ބިދޭސީން ވަނީ ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅެމުންދިޔުމުގެ ސަބަބުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ހައްލެއް ހޯދިފައި ނުވާ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ފިޔަވަޅު އަޅައި އެފަދަ ބިދޭސީން ޑީޕޯޓް ކުރުމުގެ ތެރެއިން މިދޔަ އަހަރު ވަނީ 5012 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

މިއަހަރު މިހަތާނަށް އައި އިރު މި އަދަދު ވަނީ 6992 އަށް އަރާފައެވެ. ސަރުކާރުން ބުނާ ގޮތުގައި މިއީ މީގެ ކުރީ 5 އަހަރުތެރޭ، 2018 އިން 2023 އާ ދެމެދު ބިދޭސީން ފުރުވާލި މިންވަރަށް ބާލާއިރު 263 ޕަސެންޓް އިތުރު އަދަދެކެވެ.

އިމިގްރޭޝަނުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ. އަދި މި އޮޕަރޭޝަންތަކުގައި އެތައް ބިދޭސީންނެއް އަތުލައިގަނެފައިވާއިރު، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މޮނިޓަރކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން އޮބްޒާވޭޝަން މަސައްކަތްތައް ވެސް މިހާރު ދަނީ ކުރިއަށެވެ.