ވޯލްޑް ސްކައުންޓް ބެޖު ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު އަރުވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމަނިކުފާނަށް މި ބެޖު އަރުވާފައިވަނީ ގައުމީ ސްކައުޓް ދުވަހާ ގުޅުވައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ރައީސަށް މި ބެޖު އަރުއްވާފައިވަނީ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ނަޒީފެވެ.
މި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ސްކައުޓް ކައުންސިލް މެންބަރުންނަށް މަގާމުގެ ލިޔުމާއި ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް އެވޯޑު ހާސިލުކުރި 7 ސްކައުޓުންނަށް، އެވޯޑުވެސް ހަވާލުކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސްކައުޓް ހަރަކާތް ރާއްޖޭގައި ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމަށާއި، މި ހަރަކާތް މިހާތަނަށް ރާއްޖޭގައި ކުރަމުންގޮސްފައިވަނީ ވަރަށް ގިނަ ގޮންޖެހުންތަކަކާއި އެކުގައިކަމަށެވެ. ސްކައުޓް ހަރަކާތްތައް ކުރިއެރުވުމަށް ސަރުކާރުން ހުރިހާ ވަސީލަތްތަކެއް ބޭނުންކުރައްވާނެ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސްކައުޓް ހަރަކާތުގެ އިތުރުން ކެޑޭޓާއި ގާލްގައިޑް ފަދަ ހަރަކާތްތައްވެސް ކުރިއެރުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކޮށްދެއްވާނެ ކަމަށެވެ.
އެއާއެކު މިދިޔަ 69 އަހަރު ތެރޭ ސްކައުޓު ހަރަކާތުގެ ތެރެއިން މުޖުތަމައުއަށް އެތައް ފައިދާތަކެއް ކޮށްދީފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ކުދިކުދި ކަންކަމުންގޮސް ބޮޑެތި ގައުމީ ކާރިސާތަކުގައިވެސް ސްކައުޓުންގެ ބައިވެރިވުން ފެނިގެން ގޮސްފައިވާކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.