އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓްރީކޮށްފައިވާ ވަޒީފާދޭ ބައެއް ފަރާތްތަކުގެ ނަންމަތީގައި ރާއްޖެގެނެސްފައިވާ ބައެއް ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސް އަޕްޑޭޓްކޮށް އަދާހަމަކޮށްފައިނުވާކަމަށް ފާހަގަކުރެވޭތީ އެކަން ކުރަން ދިން މުއްދަތު ހޯމްލޭންޑް މިނިސްޓްރީން އިތުރުކޮށްފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ބަޔޯމެޓްރިކްސް އަޕްޑޭޓް ކުރެވިފައިނުވާ ބިދޭސީންގެ ހާލަތު އޭޕްރިލް 30 ގެ ކުރިން އެ މިނިސްޓްރީއަށް ހިއްސާކުރުމަށް އެދިފައެވެ. މި މުއްދަތުގެ ތެރޭގައި އެކަށީގެންވާ ސަބަބެއްނެތި ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ވަޒީފާދޭ ފަރާތްތައް އެކްސްޕެޓް ސިސްޓަމްގެ ދަށުން ސަސްޕެންޑްކޮށް ހިދުމަތް މެދުކަނޑާލާނެ ކަމަށްވެސް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 02 ވަނަ ދުވަހުއެވެ.

"އޮޕަރޭޝަން ކުރަނގި"ގެ ދަށުން ފާއިތުވި 10 މަސްތެރޭ 100،000 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ. އެ މިނިސްޓްރީ އިން ބުނީ އޮޕަރޭޝަން ކުރަނގީގެ މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލެވޭ އިރު ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ހޯމް މިނިސްޓްރީން ބުނީ މިދިޔަ ސަރުކާރުގެ 5 އަަހަރު ނިމުނުއިރު އެއްކުރެވިފައިވަނީ ގާތްގަނޑަކަށް 40،000 ބިދޭސީންގެ މައުލޫމާތު ކަމަށާއި، ބިދޭސީންގެ މައްސަލަ އެހާ ބޮޑަށް ބޮއްސުންލައިގެން ގޮސްފައި ވަނީ މީގެ ކުރީގެ ސަރުކާރުތަކުން އަމަލީ މަސައްކަތަށް މާބޮޑު ސަމާލުކަމެއް ދީފައި ނެތުމުން ކަަމަށެވެ.

ބިދޭސީންގެ މައްސަލަ 3 އަހަރު ދުވަހުގެ ތެރޭގައި ހައްލު ކުރުމަކީ މި ސަރުކާރުގެ އަމާޒެވެ.