ސައުދީ އަރަބިއްޔާގެ ޕްރިންސްއަކާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވި ކަމަށް ބުނެ ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކުރި ހަބަރު އެ ވެބްސައިޓުން ނަގައިފިއެވެ.
މި މަހުގެ 5 ވަނަ ދުވަހު މި ހަބަރު ޝާއިއުކުރުމާއެކު ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެގެން ދިޔައެވެ. އެގޮތުން ޕްރިންސް އެއް ކަމަށް ބުނެ ރައީސް މުއިއްޒު ބައްދަލުކުރައްވާފައިވަނީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ނޫން ކަމަށާއި އެއީ ސްކޭމަރެއްކަމަށްވެސް މީހުން ވަނީ ބުނެފައެވެ.
އެ ހަބަރު ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވަނީ ޕްރިންސް ފަހަދު ސައުދު އަލްޝަލަން ރާއްޖެ ވަޑައިގެންނެވީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ)އަށް އިންވެސްޓްކުރާ ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމެންޓްސްގެ ދައުވަތަކަށް ކަމަށް ބުނެއެވެ. އަދި ތަރައްގީގެ މަޝްރޫއުތަކަށް ސައުދީން އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެ، ދެ ގައުމުގެ މެދުގައި ފައިދާހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމަށް ރައީސް އާއި ދެމެދު މަޝްވަރާތައް ކުރެވުނު ކަމަށްވެސް އެ ހަބަރުގައި ބުނެފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެ ބައްދަލުވުމުގެ އެއްވެސް ފޮޓޯއެއްވެސް މިހާރު ރައީސް އޮފީހުގެ ވެބްސައިޓަކުން ނުފެނެއެވެ. މިކަމާ ގުޅިގެން ސަރުކާރުން މިހާތަނަށް ރަސްމީ ޖަވާބެއް ދީފައެއް ނުވެއެވެ.