މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް މިދިޔަ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ދޫކުރުމަށް މިއަދު ގުރުއަތުލާން ފަށައިފިއެވެ.

ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭން އެންމެ ފުރަތަމަ އިއުލާން ކޮށްފައި ވަނީ އޮގަސްޓް 24، 2023 ގައެވެ. އޭރުގެ ޕްލޭނުގައި މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުންނަން ޖެހޭ މުހިއްމު ބައިތައް ނެތުމާއެކު އެ ޕްލޭން ބަދަލުކޮށް މި ސަރުކާރުން ވަނީ އޮކްޓޯބަރު 27، 2024 ގައި އާ ޕްލޭނެއް އެކުލަވާލާފައެވެ. އެ ޕްލޭނާ އެއްގޮތަށް ވަނީ އިތުރަށް ހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދު ހިމެނޭހެން ގޯތި ދިނުމަށް ނިންމައި ގުރުއަތު ވެސް ނަގާފައެވެ. އެއާއެކު ގުޅިފަޅުން 3،520 ގޯތި ދޫކުރަން ނިންމާފައި ވެއެވެ.

މާލެ އުސްފަސްގަނޑު ސަރަހައްދުގައި ގުރުއަތުލުން ކުރިއަށްދާއިރު، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން ވަނީ ބިން ލިބިފައިވާ މީހާ ނުވަތަ މީހުންގެ ތެރެއިން ކޮންމެ ގޯއްޗަކަށް އެކަކަށް ގުރުއަތު ނެގުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ވަދެވޭނެ ކަމަށް ބުނެފައެވެ. ނަމަވެސް މި ފަރާތްް ނޫން އެހެން ފަރާތަކުން ގުރުއަތުލުމަށް ދާނަމަ ބިން ލިބޭ މީހާގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމާއި ބަދަލުގައި ހާޒިރުވާ މީހާގެ އައިޑީ ކާޑުގެ ކޮޕީއާ އެކު ދިއުމުން ވަދެވޭނެ ކަމަށްވެސް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި މަހުގެ 15 ގައި އާންމު ކުރި ލޭންޑް ޔޫސް ޕްލޭގައި ކޮމާޝަލް، އިންސްޓިޓިއުޝަނަލް އަދި އެފަދަ އެހެން ބޭނުންތަކަށް ބޭނުންވާ ބިން، ބިން ހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް ބަދަލުކޮށްފައި ވީ ނަމަވެސް މިހާރުގެ ލޭންޑް ޔޫސް ޕްލޭންގައި އެ ސަރަހައްދު މިހާރު ދައްކަނީ މުސްތަގްބަލުގައި ތަރައްގީ ކުރާނެ ތަނެއްގެ ގޮތުގައި ރިޒާވްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައެވެ.

އެ ޕްލޭނުގައި ގޯތިތައް ދޫކުރާ ސަރަހައްދު ވަކިން ފާހަގަ ކޮށްފައިވާ އިރު، އޭގެ ތެރޭގައި ހައުސިން ޔުނިޓާއި ރެސިޑެންޝަން ޕްލޮޓްސް ހިމެނެއެވެ. ސަރުކާރު އޮފީސްތަކާއި އެކި ބޭނުންތަކަށް ހާއްސަކޮށްފައިވާ ޒޯނަކާއި ކޮމާޝަލް ޒޯނެއް ވެސް އެ ޕްލޭންގައި ހިމެނެއެވެ. އަދި ވިޔަފާރިތަކަށް ހާއްސަ ސަރަހައްދުތަކާއި ޓޫރިޒަމަށް ހާއްސަ ސަރަހައްދުތަކުގެ އިތުރުން ސްކޫލުތަކާއި މިސްކިތްތައް ވެސް ހިމެނެއެވެ.