ރޯދަމަހު ބިދޭސީންގެ ބަޔޯމެޓްރިކްސް އެއްކުރުމަށް ހާއްސަ ހަރަކާތެއް ނޯތު ހާބަރުގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީ އިން ބުނެފިއެވެ.
އެ މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހަރަކާތް ކުރިއަށް ގެނދިއުމަށް ނިންމާފައިވަނީ ނޯތު ހާބަރުގައި ހުންނަ ދަ ޝޮޓް ހާބަ ރެސްޓޯރަންޓް ސަރަހައްދުގައި ކަމަށާއި މި ހަރަކާތް ރޯދަމަހުގެ އިތުރުން ޝައްވާލް މަހުގެ ހަތް ދުވަހުވެސް ކުރިއަށް ގެންދާނެ ކަމަށެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ:
- ހެނދުނު 9:30 އިން 16:00 އަށް
- ރޭގަނޑު 21:30 އިން 23:30 އަށް
ގްރޭޓާ މާލެ ސަރަހައްދުގައި ވަޒީފާ އަދާކުރާ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް މި އަހަރުގެ މާޗު 15 ގެ ކުރިން ހޯމްލޭންޑު މިނިސްޓްރީގެ ފޮރިން ލޭބާ ޑިޕާޓްމެންޓާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ބިދޭސީންނަށް ވަޒީފާ ދޭ ފަރާތްތަކަށް މިނިސްޓްރީ އިން ވަނީ އަންގާފައެވެ. ހޯމްލޭންޑް މިނިސްޓްރީ އިން ބުނީ މި މުއްދަތުގެ ތެރޭގައި ބަޔޯމެޓްރިކްސް އަޕްޑޭޓު ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމްގެ ދަށުން ސަސްޕެންޑު ކޮށް ހިދުމަތް މެދުކަނޑާލެވިގެން ދާނެ ކަމަށެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ މެއި، 2024 ގައެވެ. އެ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ނުވަ މަސް ދުވަހުގެ ތެރޭގައި 25،483 މީހެއްގެ ބަޔޮމެޓޮރިކް މައުލޫމާތު ވަނީ ނަގާފައެވެ.
ހޯމް މިނިސްޓްރީން ބުނީ އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގެ ބޭނުމަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންނަކީވެސް ގަވާއިދުގެ ތެރޭގައި މަސައްކަތް ކުރާ ބަޔަކަށް ހެދުން ކަމަށެވެ. ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހީމް ވިދާޅުވީ ރާއްޖޭގެ 194 ރަށެއްގައި މި މަސައްކަތް ފަށައި 50 ރަށެއްގައި މި މަސައްކަތް ނިންމާފައިވާ ކަމަށެވެ.