ވިއްސާރަވެ، މޫސުން ގޯސްވުމުގެ ސަބަބުން، މި ފެށޭ ދިރާސީ އާ އަހަރުގެ ފުރަތަމަ ތިން ދުވަހުގައި ކިޔަވައިދޭ ގަޑިތައް ކުރުކުރަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުއްލަތީފް މުހައްމަދު ސޮއިކުރައްވައި ނެރުއްވި ސާކިއުލާއެއްގައިވާ ގޮތުން، މި ފެށޭ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭ ދުވަސް ކަމަށްވާ އާދީއްތަ ދުވަހުން އަންގާރަ ދުވަހުގެ ނިޔަލަށް ސްކޫލްތަކުގެ ދަންފަޅިތައް ދެ ގަޑިއިރަށް ނުވަތަ ތިން ގަޑިއިރަށް ކުރުކުރުމަށް ވަނީ ދަންނަވައިފައެވެ.

ސަބަބެއް ކަމަށް އެ ސާކިއުލާގައި ވަނީ މި ދުވަސްވަރަކީ މުޅި ރާއްޖެއަށް ވިއްސާރަވެ، ކަނޑުތައް ގަދަވުމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް އުނދަގޫވުމެވެ. އެހެންކަމުން އެ ތިން ދުވަހު ސްކޫލްތަކުގެ ދަންފަޅިތައް ކުރުކުރުމަށް ވަނީ އަންގައިފައެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމުން، މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.