މާލޭގައި ހިންގާ ތާޖުއްދީން ސްކޫލްގެ ޖާގަ ބޮޑު ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްްޒު ވިދާޅުވެއްޖެއެވެ.

ރައީސް ިމހެން ވިދާޅުވީ، ރައީސް އޮފީހުން ކުރިއަށް ގެންދާ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓް ސިލްސިލާގެ މިއަދު އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ގޮތުން މި ސަރުކާރުން ތައުލީމީ ދާއިރާގެ އުމްރާނީ ތަރައްގީއަށް ކުރައްވާ ބައެއް މަސައްކަތްތަކާ ގުޅޭ ގޮތުން ރައީސް ވަނީ މި ޕޮޑްކާސްޓްގައި މައުލޫމާތު ދެއްވާފައެވެ.

އުމްރާނީ ތަރައްގީއަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭ އަލަށް ސްކޫލްތަކެއް ބިނާ ކުރުމަށް މަސައްކަތް ކުރާ އިރު، މިހާރު ހިންގަމުން އަންނަ ސްކޫލްތަކުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް ވެސް މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. އެ ގޮތުން ތާޖުއްދީން ސްކޫލާ އިން ވެގެން ރަސްފައްނާ ދިމާލަށް ވާ ގޮތަށް އޮންނަ ހުސްބިން އެ ސްކޫލްގެ ބަޔަކަށް ހައްދަވައި ޖާގަ އިތުރު ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް މަޖީދިއްޔާ ސްކޫލްގެ ޖާގަ އިތުރުކޮށް ދެއްވުމުގެ މަޝްރޫގެ އެއްބަސްވުމުގައި އަންނަ ްމަހު ސޮއިކުރައްވަން ނިންމަވާފައިވާ ކަން ވެސް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

މިވަގުތު ރާއްޖޭގައި ތައުލީ ދާއިރާއިން އުމްރާނީ ތަރައްގީއަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި އިތުރު 531 ކްލާސް ރުމް ބިނާ ކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ. މިއީ މިހާރު ހިންގަމުންދާ ސްކޫލްތަކަށް އިތުރު ކުރާނެ ކްލާސް ރޫމްތަކާއި އަލަށް އިމާރާތް ކުރާ ސްކޫލްތަކުގައި ހިމެނޭނެ ކްލާސްތައް ވެސް ހިމެނޭ ގޮތަށް 531 ކްލާސް ރޫމް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާއެކު މަލްޓިޕާޕަސް ހޯލް ބިނާ ކުރުމުގެ 44 މަޝްރޫއު އާއި، 19 ސައިންސް ލެބް އެޅުމުގެ މަސައްކަތާއި، 10 ރަށެއްގައި ލައިބްރެރީ އެޅުމާއި، 6 ރަށެއްގައި ކޮމްޕިއުޓާ ލެބް ގާއިމް ކުރުމާއި 24 ރަށެއްގައި ސްޓަފް ރޫމް ބިނާ ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަން ރައީސް ފާހަގަ ކުރެއްވިއެވެ. މި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ފައިސާގެ އެއްވެސް ދަތިކަމެއް ނާންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.