ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ދަރަނިތައް ދެއްކުން ފަސްކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ވަންގް ލީޒިން ވިދާޅުވެއްޖެ އެވެ.
ޗައިނާ ސަފީރު މިފަދައިން ވިދާޅުވެފައި ވަނީ ޗައިނާ އެމްބަސީއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ވޯލްޑް ބޭންކްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އެކި މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ރާއްޖެއިން ވަނީ ޗައިނާއިން 1.37 ބިލިއަން ޑޮލަރުގެ ލޯނު ނަގައިފަ އެވެ. މިއީ ބޭރު ގައުމުތަކުން ނަގާފައިވާ ދަރަނީގެ 20 ޕަސެންޓެވެ.
ޗައިނާ ސަފީރު ވިދާޅުވީ ޗައިނާއިން ރާއްޖެއަށް ދީފައިވާ ލޯނުތައް ރީސްޓްރަކްޗާ ކުރުމުގެ ވިސްނުމެއް ޗައިނާގެ ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. އަދި ޗައިނާއަށް ދައްކަން ޖެހޭ ދަރަނީގެ މަޝްވަރާތަކެއް ދެ ގައުމުގެ ޓެކްނިކަލް ސްޓާފުން ކުރަމުންދާ ކަމަށެވެ.
ދަރަނިތައް ރީސްޓްރަކްޗާ ކޮށްފިނަމަ (ދަރަނި ދެއްކުން ފަސްކޮށްފިނަމަ) ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ހިންގާ އިތުރު މަޝްރޫއުތަކަށް ޗައިނާއިން ލޯނު ލިބުން ދަތިވާނެ ކަމަށް ވެސް ސަފީރު ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ދަރަނި އިތުރަށް ބޮޑުވުމަށް ނޭދޭ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.
ސަފީރު އިތުރަށް ވިދާޅުވީ މިހާރު ޗައިނާއިން އެންމެ އިސްކަމެއް ދެނީ އެ ގައުމުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ހިންގާ މަޝްރޫއުތަކަށް ކަމަށެވެ.