ކުރީ ސަރުކާރުން 2019 ވަނަ އަހަރު ބަޖެޓް ސަޕޯޓުގެ ގޮތުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީ މި ސަރުކާރުން އެއްކޮށް ދައްކައި ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމު ކުރި ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުން، 2019 ވަނަ އަހަރު އެކި ފަހަރު މަތިން ނަގާފައިވާ މި ލޯނުގެ ތެރެއިން ބާކީ ދައްކަން އޮތް 50 މިލިއަން ޑޮލަރު މިއަދު ވަނީ ދައްކައި ނިންމާފައެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ހަމަވާން އޮތް މި ފައިސާ ދެއްކުމާއެކު، 150 މިލިއަން ޑޮލަރުގެ މި މުޅި ފެސިލިޓީ މިހާރު ވަނީ އެއްކޮށް އަދާކުރެވިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މި ލޯނު ދައްކަމުން ގޮސްފައިވަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށެވެ. އެގޮތުން، ފުރަތަމަ 50 މިލިއަން ޑޮލަރު 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު ދައްކާފައިވާއިރު، ދެވަނަ 50 މިލިއަން ޑޮލަރު ދައްކާފައިވަނީ 11 މޭ 2024 ގައެވެ.
ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހިސާބުތައް ދައްކާގޮތުން 2024 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވްގައި ގާތްގަނޑަކަށް 644 މިލިއަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ. އަދި ތެލާއި، ކާބޯތަކެއްޗާއި، ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ފަދަ ޒަރޫރީ އަދި އަސާސީ މުދާ އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާ މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.
މީގެއިތުރުން، ދަރަނި އަދާކުރުމުގެ ސަބަބުން އަސާސީ މުދާ އެތެރެކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް މިނިސްޓްރީން ވަނީ ބަޔާންކޮށްފައެވެ. ސަރުކާރުން އަބަދުވެސް ދަނީ ދައުލަތުގެ ދަރަނިތައް ޒިންމާދާރުކަމާއެކު ދެއްކުމަށްޓަކައި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ފައިސާ ޖަމާކޮށް، ދުރާލާ ވާންޖެހޭ އެންމެހައި ތައްޔާރީތައް ވަމުންނެވެ.
ސަރުކާރުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ދަމަހައްޓައި، ރަސްމީ ރިޒާވް އިތުރަށް ވަރުގަދަކޮށް، ރައްޔިތުންގެ އަސާސީ ބޭނުންތައް ފުރިހަމައަށް ކަށަވަރުކޮށްދިނުމެވެ. އަދި ބައިނަލްއަގްވާމީ މާލީ އިދާރާތަކާއި، އެހީދޭ ގައުމުތަކާއެކު ކުރެވެމުންދާ ކާމިޔާބު މަޝްވަރާތަކުގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ކުރިއަށް އޮތް ތަނުގައި އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
