ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކިޔަވާ ލޯނު އަދި އެޑިއުކޭޝަން ފައިނޭންސިން އަށް ހެޔޮ ބަދަލުތަކެއް ގެނެސް، ބޭރުގެ ޕްރޮފެޝަނަލް ކޯސްތައް ފުރިހަމަ ކުރުމަށާއި އެފަދަ ކޯސްތަކާ ގުޅުންހުރި ސެޓިފިކޭޝަން ފީ ދެއްކުމަށް ޑޮލަރުން ފައިނޭންސިން ލިބޭ ގޮތް ހަމަޖައްސައިފިއެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި މިއީ އެއްވެސް ރަހުނަކާ ނުލައި ދޫކުރާ ފައިނޭންސިންއެކެވެ. އެހެންކަމުން ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ޕްރޮފެޝަނަލް ތަމްރީނުތަކާއި ސަނަދުތައް ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް، މި ފައިނޭންސްގެ ދަށުން ޑޮލަރުން ލިބުމަކީބޭރު ފައިސާގެ މުއާމަލާތްތައް ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭނެ މަގުފަހިވެގެންދާނެކަމަށް ބީއެމްއެލް އިން ބުނެއެވެ.
މި ފައިނޭންސިން ދަށުން، ކޯސް ފީތައް ބޭންކުން ސީދާ ތައުލީމީ މަރުކަޒަކަށް ނުވަތަ ކަމާބެހޭ އިދާރާއަކަށް ޓެލެގްރަފިކް ޓްރާންސްފާ(ޓީޓީ) މެދުވެރިކޮށް ފޮނުވައިދޭނެއެވެ. އަދި ދަރިވަރުންނަށް ދޫކުރާ ސްޓައިޕެންޑް(އެލަވަންސް) ސީދާ ކަސްޓަމަރުގެ އެކައުންޓަށް ޖަމާކޮށްދޭނެ ކަމަށް ވެއެވެ.
މި ހިދުމަތާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މިއީ ބޭންކުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކިޔަވާ ލޯނަށް މި ގެނައި ބަދަލަކީ ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް ގެނައި ބަދަލެއް ކަމަށެވެ.
އެ ބޭންކުން ބުނީ، ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން، އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އީޖާދީ އަދި ފަސޭހައިން ލިބޭނެ މާލީ އެހީތެރިކަން ފޯރުކޮށްދީގެން ދަރިވަރުންގެ ތައުލީމީ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމަށް ކަމަށެވެ.
