ކުރީ ސަރުކާރުން ނަގާފައިވާ 50 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރެޒަރީ ބިލު މިއަދު އެއްކޮށް ދެއްކި ނަމަވެސް ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ހޯދުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ފިނޭންސް މިނިސްޓްރީން އަރުވައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ދަރަނި އަދާކުރުމުގެ ސަބަބުން ރާއްޖެއަށް ޒަރޫރީ މުދާ އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާ ހޯދުމަށް އެއްވެސް ހުރަހެއް ނޭޅޭނެއެވެ. އެގޮތުން ތެލާއި، ކާޑުގެ ބާވަތްތަކާއި، ބޭސްފަރުވާއަށް ބޭނުންވާ ސާމާނުގެ އިތުރުން ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އެހެނިހެން މުހިންމު މުދާތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް މިހާރުވެސް ވަނީ ފުރިހަމައަށް ހަމަޖައްސާފައެވެ.

މީގެއިތުރުން، ޒަރޫރީ މުދަލާއި އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ދަތިކަމެއްނެތި ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތެވެ. އެހެންކަމުން، މި ދަރަނި ދެއްކުމާ ގުޅިގެން މުދާ އެތެރެކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ބުނެ އެ މިނިސްޓްރީން ވަނީ އެކަން ސާފުކޮށްދީފައެވެ.

ދަރަނި މެނޭޖުކުރުމުގައި ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ދަށުން، ދަރަނި ދައްކަންޖެހޭ މުއްދަތުތަކަށް ދުރާލައި ރޭވުންތެރިކަމާއެކު ތައްޔާރުވަމުންދާ ކަމަށާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ގަވާއިދުން ފައިސާ ޖަމާކުރުމުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް ފިނޭންސް މިނިސްޓްރީއިން ހާމަކުރެއެވެ.

ހަމައެއާއެކު، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ރާއްޖޭގެ ތަރައްގީގެ ބައިވެރިންނާއެކު ސަރުކާރުން ކުރަމުންދާ މަޝްވަރާތައް ވަރަށް އުންމީދީ އަދި ކާމިޔާބު މިސްރާބަކަށް ދަތުރުކުރަމުންދާ ކަމަށާއި، މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރަށް ބާރުވެރިވެ، މާލީ ހަމަޖެހުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް އެ މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.