ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ބޮޑެތި ދަރަނިތައް ނައްތާލުމުގެ މަސައްކަތާއެކު، ގައުމުގެ ތަރައްގީގެ މަޝްރޫއުތަކާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ސަރުކާރުން ހުއްޓުމެއްނެތި ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ދަރަނި ދެއްކުމަށް ކުރަމުންދާ ހަރުދަނާ މަސައްކަތްތަކުގެ ތެރެއިން ފާއިތުވި 21 ދުވަސްތެރޭގައި އެކަނިވެސް ބޭރުގެ ދަރަނީގެ ގޮތުގައި 924 މިލިޔަން ޑޮލަރު ދައްކާފައިވާ ކަމަށެވެ. މިއީ ގާތްގަނޑަކަށް އެއް ބިލިޔަނެއްހާ ޑޮލަރެވެ.
މި ފައިސާގެ ތަފްސީލް ދެއްވަމުން ރައީސް ވިދާޅުވީ، މީގެ ތެރޭގައި ހިމެނެނީ 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން ނަގާފައިވާ 500 މިލިޔަން ޑޮލަރުގެ ސުކޫކަށްވާ ފައިސާއާއި، މިއަހަރު އެމަނިކުފާނު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ސޮއިކުރެވުނު 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލީޓީ ކަމަށެވެ.
މިދަރަނިތައް ދައްކާފައިވަނީ ރައްޔިތުންނަށް މީގެ އެއްވެސް ކަހަލަ ޑިފޯލްޓެއް ކުރިމަތިވިޔަ ނުދީ، އެއްވެސް ހަރުމުދަލެއް ރަހުނު ނުކޮށެވެ. އަދި މި ދަރަނިތައް ދެއްކުމާއެކު ކުރިން ރަހުނުކޮށްފައި ހުރި ތަންތަން ސަލާމަތްކުރެވިފަ ވާކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ބޭރުގެ ދަރަނިތަކުގެ އިތުރުން އެތެރޭގެ ދަރަނިތައް ނުވަތަ ދިވެހި ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައިވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ވޭތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި އެކި ކުންފުނިތަކަށް 3.3 ބިލިޔަން ރުފިޔާ ދައްކާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި މަހުގެ ބާކީ އޮތް ދުވަސްތަކުގެ ތެރޭގައި އިތުރު 260 މިލިޔަން ރުފިޔާ ދިވެހި ކުންފުނިތަކަށް ދޫކުރުމަށް ތައްޔާރުވަމުންދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެވްރެޖްކޮށް ކޮންމެ ހަފްތާއަކު 700 އެއްހާ ވެންޑަރުންނަށް ސަރުކާރުން ފައިސާ ދޫކުރަމުންދާ ކަމަށެވެ. މި ހުރިހާ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދަނީ އެއްވެސް މަޝްރޫއެއް ހުއްޓުމަކަށް ނުގެނެސް، އިތުރު އެއްވެސް ދަރަންޏެއް ނުނަގައި އަދި އިތުރު ރަހުނެއް ނުކޮށް ކަމަށް އެމަނިކުފާނު ޔަގީންކޮށްދެއްވިއެވެ.
ދިވެހި ސަރުކާރުން ދަނީ ބޭރުގެ ގައުމުތަކާއެކު އޮންނަ ގުޅުންތަކުގެ ބޭނުން ހިފައި، ދަރަނި ދެއްކުމުގައާއި އިގްތިސާދީ އިތުރު ލުއިތައް ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި، ސަރުކާރުގެ އަމާޒަކީ ދަރަނިތަކުން ސަލާމަތްވެފައިވާ، އިގްތިސާދީ ގޮތުން ބާރުވެރި، އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ މުޖުތަމައެއް ބިނާކުރުން ކަމަށް ވިދާޅުވެފައިވެއެވެ.
