މައިންބަފައިންނަށް އަޅާލާ އާއިލީ ގުޅުން ދެމެހެއްޓުމަކީ ފަރުދީ ޒިންމާއެއް ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ ވުޒާރާގެ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ޝިހާމް މިފަދައިން ވިދާޅުވެފައިވަނީ ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައެވެ. އެގޮތުން އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ކުރަން ޖެހޭ އެންމެ މުހިންމު އެއް ކަމަކީ ބަދަހި އާއިލާއެއް ބިނާ ކުރުން ކަމަށާއި މިކަން ހާސިލުކުރުމަށް އެއްބަނޑު އެއްބަފާވަންތަކަން ދަމަހައްޓާ، އެކަކު އަނެކަކަށް އަޅާލާ އޯގާތެެރި ބަޔަކަށް ވާން ޖެހޭ ކަމަށް ޝިހާމް ވަނީ ވިދާޅުވެފައެވެ.

ޝިހާމް ވިދާޅުވީ ހަމަޖެހޭ އާއިލާތަކެއް މުޖުތަމައުގައި ބިނާވެގެން ދިއުމަކީ ގައުމުގެ ތަރައްގީގެ ދުވެލި ހަލުއި ވެގެން ދާނެ ކަމެއް ކަމަށެވެ. އަދި އާއިލާ މީހުންގެ ހާލު ބަލާ ދަރިންނާ އަނބިންގެ އިތުރުން ފިރިންނަށް ވަގުތު ދީގެން އުޅުމަކީ މުހިންމު ކަމެއް ކަމުގައިވެސް ޝިހާމް ވަނީ ފާހަގަ ކުރައްވާފައެވެ.

ޝިހާމް ވަނީ ކޮންމެ ފަރުދަކުވެސް އާއިލާއަށް އިސްކަން ދިނުމަށް އެދިވަޑައިގަންނަވާ ކަމަށާއި، އެކި ސަބަބުތަކާހުރެ އާއިލާ ރޫޅި ދެމަފިރިން ވަކިވާން ޖެހޭ ހާލަތު ދިމާވެފައިވާ އާއިލާތަކުންވެސް، އެއާއިލާތަކުގެ ކުދިންނާ އެކުދިންގެ މައިންބަފައިންނާމެދު އޮންނަ ގުޅުން ބަދަހިކުރުމަށް އެދިވަޑައިގެންފައެވެ.

ޝިހާމް ވަނީ އާއިލާތަކުގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ހުރިހާ އާއިލާތަކަކަށް ވެސް އަރިސްކުރައްވާފައެވެ.