މިނިސްޓާ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ މަގާމުގައި ހުންނެވި ޑރ. އައިޝަތު ޝިހާމް އެ މަގާމުން މިއަދު ވަކިކުރައްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޑރ. އައިޝަތު ޝިހާމް މަގާމުން ވަކިކުރެއްވީ ސަރުކާރުގެ ކެބިނެޓަށް މިއަދު ގެންނެވި ބަދަލުތަކުގެ ތެރެއިންނެވެ. ޑރ. އައިޝަތު ޝިހާމްގެ އިތުރުން، މިނިސްޓާ އޮފް ފޮރިން އެފެއާޒްގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ހަލީލް ވެސް މިއަދު ވަނީ މަގާމުން ވަކިކުރައްވާފައެވެ.
ޑރ. އައިޝަތު ޝިހާމަކީ ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޑރ. އައިޝަތު ޝިހާމު ގައުމީ ހިދުމަތަށް ނުކުމެވަޑައިގަތީ 1983 ވަނަ އަހަރު ޓީޗަރެއްގެ ގޮތުގައެވެ. އޭގެ ފަހުން އެޑިޔުކޭޝަން މިނިސްޓަރުކަމާއި، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަމުގެ މަގާމު ވެސް އެކަމަނާ ވަނީ ފުރުއްވާފައެވެ. މީގެ އިތުރުން، މިނިސްޓްރީ އޮފް ވިމެންސް އެފެއާޒް އެންޑް ސޯޝަލް ސެކިއުރިޓީގެ އިސް މަގާމުތަކުގައި 10 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވިއެވެ.
ތައުލީމީ ދާއިރާއަށް ބަލާއިރު، ޑރ. އައިޝަތު ޝިހާމަކީ ކައުންސެލިން އަދި ސައިކޮލޮޖީގެ ރޮނގުން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އެކަމަނާ ސައިކޮލޮޖީގެ ރޮނގުން ޑޮކްޓާ އޮފް ފިލޯސަފީ (ޕީއެޗްޑީ) ހާސިލްކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ނިއުކާސަލްގައެވެ.
މި ބަދަލާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން ރަސްމީކޮށް އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
