ތުއްތު ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގަނީ އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށް މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއާއިން ބުނެފިއެވެ.

އެ ވުޒާރާއިން މިކަން ހާމަކުރީ، ކުޑަކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނެގުނު ގޮތާ ގުޅޭގޮތުން މީސްމީޑިއާގައި ފެތުރަމުންދާ ހަބަރުތަކާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

ކުއްޖާގެ މަންމަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ގޮތުގައި މި މަހުގެ 5 ވަނަ ދުވަހު އިމަޖަންސީގައި ސިޒޭރިއަން ހަދައިގެން ލިބުނު ދަރިފުޅު، ހޮސްޕިޓަލުން ދޫކޮށްލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވަނީ އޭނާގެ ނުރުހުމުގައި ދައުލަތަށް ގެންގޮސްފައެވެ. ކައިވެނިން ބޭރުން ލިބުމު މި ކުއްޖާގެ ފޫޅު ވެސް ނުވެއްޓެނީސް މަންމައާ ވަކިކުރިއިރު، ދަރިފުޅަށް ނަން ކިޔައި އާއިލީ އުފަލުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ލިބިފައި ނުވާ ކަމަށް އޭނާ ބުނެފައިވެއެވެ.

ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއިން އާއިލާއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ކުއްޖާ ނެގީ ރައްކާތެރިކަމުގެ ކަންބޮޑުވުންތަކެއް ހުރުމުންނެވެ. އެ ސިޓީގައިވާ ގޮތުން މަންމަގެ ނަފްސާނީ ބައެއް މައްސަލަތަކާއި، އުފެދުމުގައި އަތުގެ ނުކުޅެދުންތެރިކަން ހުރުމާއި، އެކަނި ދިރިއުޅުމުގެ އިތުރުން އާއިލާގެ އެހީތެރިކަން ލިބެން ނެތުމަކީ ކުއްޖާ ދައުލަތަށް ނަގަން ޖެހުނު ސަބަބުތަކެވެ. އެކަމަކު އެ މަންމަ ވަނީ މި ހުރިހާ ވާހަކަތަކެއް ދޮގުކޮށްފައެވެ.

މި ވާހަކަތަކާ ގުޅިގެން މިނިސްޓްރީން މިއަދު ނެރުނު އެ ބަޔާނުގައި ބުނީ، ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެގުމުގައި އަބަދުވެސް އަމަލުކުރަމުންދާނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. އެގޮތުން ކުއްޖާއަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ވީހިނދު، އެކަން ކުރިއަށް ގެންދާނީ ކުއްޖާގެ އެންމެ މަތީ މަސްލަހަތަށް އިސްކަންދީގެން ކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ ވުޒާރާއިން ބުނީ، އާއިލާއާއި ޖަމާއަތާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބުމަކީ ކުޑަކުދިންނާއި ޅަފުރައިގެ ކުދިންނަށް ލިބިގެންވާ ދުސްތޫރީ ހައްގެކެވެ. އެހެންކަމުން، ކުއްޖެއްގެ ރައްކާތެރިކަން ކަށަވަރުނުވާ ހާލަތްތަކުގައިވެސް، ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖާ ނެގުމުގެ ކުރިން މައިންބަފައިންގެ ގާތުގައި ކުއްޖާ ބަހައްޓައިގެން ހައްގުތައް ހިމާޔަތްކުރުމަށް ދައުލަތުން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް ބަޔާނުގައިވެއެވެ.

މައިންބަފައިންގެ ގާތުގައި ކުއްޖާ ނުބެހެއްޓޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ދެން އެންމެ އިސްކަމެއް ދޭނީ ކުއްޖާގެ އާއިލާގެ ތެރެއިން ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދެވޭނޭ ފަރާތެއް ހުރިކަމުގައިވާނަމަ، ކުއްޖާ އެފަރާތެއްގެ ގާތުގައި ބެހެއްޓުމަށް ކަމަށް ވެއެވެ. އަދި މިއިން އެއްވެސް ހާލަތެއްގައި ކުއްޖާގެ މައިންބަފައިން އަދި ކުއްޖާގެ އާއިލާގެ އެއްވެސް ފަރާތަކުން ކުއްޖާއަށް ރައްކާތެރިކަން ކަށަވަރުނުކުރެވޭ ހާލަތުގައި މެނުވީ ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނުގެނެވޭނޭކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ކުޑަކުދިންނާއި ގުޅިގެން ހުށަހެޅޭ ކޮންމެ މައްސަލައެއްގައި ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭނީ ކުއްޖެއްގެ އާއިލާގެ ތެރެއިން ކުއްޖާއަށް ލިބެންވާ ރައްކާތެރިކަން ކަށަވަރުނުކުރެވޭ ހާލަތުގައިކަމަށާއި، ކުއްޖެއް ވަށައިންގެންވާ އެންމެ ހާލަތްތައް ދެނެގަނެ، އެކަންކަމަށް ރިއާޔަތް ކޮށްގެންނޫން ގޮތަކަށް ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނުނެގޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

ކުޑަކުދިންނާއި ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތަކާ ގުޅޭގޮތުން ސައްހަ ނޫން ހަބަރުތައް ފެތުރުމަކީ ކަންބޮޑުވާކަމެއްކަން ފާހަގަކޮށް މިނިސްޓްރީން ވަނީ އެފަދަ ހަބަރުތަކުގެ ސަބަބުން އެ ފަރާތްތައް އިތުރު ނާޒުކު ހާލަތަކަށް ހުށަހެޅިދާނެތީ، މައުލޫމާތު ފެތުރުމުގައި މީޑިއާތަކުންނާއި އާންމުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.