ފެބްރުވަރީ މަހު އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އަށް 200 އަށްވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް އެ ވުޒާރާއިން ރިޕޯޓުކޮށްފިއެވެ.
އެވުޒާރާއިން މިކަން ރިޕޯޓުކޮށްފައިވަނީ މިއަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއަށް ހުށަހެޅުނު މައްސަލަތަކުގެ ތަފާސްހިސާބުތައް އާންމުކޮށެވެ. މި ރިޕޯޓުގައިވާ ގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާއާއި، އާއިލީ މައްސަލަތަކާއި، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ ގިނަ މައްސަލަތަކެއް ވަނީ ރިޕޯޓުކޮށްފައެވެ.
އެގޮތުން ފެބްރުވަރީ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 74 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ތެރޭގައި އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން އިހުމާލުގެ 21 މައްސަލައެއް (12 ފިރިހެން ކުދިން، 9 އަންހެން ކުދިން) ހިމެނެއެވެ. މީގެ އިތުރުން ޖިންސީ ހާނިއްކައިގެ 13 މައްސަލައާއި، ޖިސްމާނީ ހާނިއްކައިގެ 12 މައްސަލައާއި، ނަފްސާނީ ހާނިއްކައިގެ 11 މައްސަލަ ހިމެނެއެވެ. އަދި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 09 މައްސަލައާއި، ފުރައްސާރައިގެ 02 މައްސަލަ، އަދި ބްލެކްމެއިލް ކުރުމާއި ގަނާލިބުމުގެ މައްސަލަތައް ވެސް ވަނީ ހުށަހެޅިފައެވެ. ޖުމްލަ ގޮތެއްގައި މި ބާވަތުގެ މައްސަލަތަކުގައި ހިމެނެނީ 34 އަންހެން ކުދިންނާއި 40 ފިރިހެން ކުދިންނެވެ.
ފެބްރުއަރީ މަހު ކުޑަކުދިންގެ އަހްލާގީ މައްސަލަތަކާ ގުޅޭ 18 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. މީގެ ތެރޭގައި އެންމެ ގިނައީ ސްކޫލަށް ދާން ބޭނުން ނުވުމުގެ މައްސަލަތަކެވެ. މި ބާވަތުގެ މައްސަލަތަކުގައި ހިމެނެނީ 9 އަންހެން ކުދިންނާއި 9 ފިރިހެން ކުދިންނެވެ. މީގެ އިތުރުން ރުޅި އިސްކުރުމާއި ގެއިން ނިކުމެގެން ދިއުމުގެ މައްސަލަތައް ވެސް ވަނީ ރިޕޯޓުކޮށްފައެވެ. އާއިލީ މައްސަލަތަކަށް ބަލާއިރު، 33 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައީ ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކެވެ. އެގޮތުން ކުދިން ބެލުމުގެ 17 މައްސަލައަކާއި، ކުދިންނާ ބައްދަލުކުރުމުގެ 11 މައްސަލަ އަދި ހަޟާނާގެ 5 މައްސަލައެއް ހިމެނެއެވެ. ޢާއިލީ މައްސަލަތަކުގައި ހިމެނެނީ 15 އަންހެން ކުދިންނާއި 18 ފިރިހެން ކުދިންނެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 48 މައްސަލައެއްވެސް ފެބްރުވަރީ މަހު ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނައީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. އެއީ 30 މައްސަލައެވެ. މީގެ ތެރޭގައި 25 އަންހެނުންނާއި 5 ފިރިހެނުން ހިމެނެއެވެ. ދެވަނައަށް އެންމެ ގިނައީ ނަފްސާނީ އަދި އަނގަބަހުން ކުރެވޭ އަނިޔާގެ 10 މައްސަލައެވެ. މީގެ އިތުރުން ބިރުދެއްކުމާއި، ޖިންސީ ހާނިއްކަ އަދި އިންޓަނެޓް މެދުވެރިކޮށް ހާނިއްކަކުރުމުގެ މައްސަލަތައް ވެސް ހިމެނެއެވެ. މި ބާވަތުގެ މައްސަލަތަކުގައި ޖުމްލަ 39 އަންހެނުންނާއި 9 ފިރިހެނުން ހިމެނެއެވެ.
މީގެއިތުރުން އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ 21 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމުގެ 8 މައްސަލައާއި، އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމުގެ 6 މައްސަލަ އަދި ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ އާއިލާތަކަށް އެހީތެރިވުމުގެ މައްސަލަތައް ހިމެނެއެވެ. މި ދާއިރާއިން 10 ފިރިހެނުންނާއި 11 އަންހެނުންގެ މައްސަލަ ވަނީ ހުށަހެޅިފައެވެ. އަދި އިޖުތިމާއީ އެހީތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމާ ގުޅޭ 8 މައްސަލައެއް ވެސް ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރޭގައި ފައިދާހުރި ކާނާ ފޯރުކޮށްދިނުމާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ މައްސަލަތައް ހިމެނެއެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ދަނީ މިފަދަ މައްސަލަތައް ހުށަހެޅުމުން އެކަންކަން ބަލައި، ބޭނުންވާ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.
