އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއަށް 2026 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ޖުމްލަ 269 މައްސަލައެއް ހުށަހަޅާ، އެ މައްސަލަތަކަށް އެޓެންޑްވެފައިވާކަން އެ ވުޒާރާގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
އެ ވުޒާރާއިން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މޭ މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ ޖުމްލަ 81 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 38 ފިރިހެން ކުދިންނާއި 43 އަންހެން ކުދިންނަށް ކުރި އަނިޔާގެ މައްސަލަތަކެވެ.
އެގޮތުން ޖިންސީ ގޯނާގެ 25 މައްސަލައެއް ހުށަހަޅާފައިވާއިރު، އިހުމާލުވުމުގެ 18 މައްސަލަ އަދި ނަފްސާނީ އަނިޔާގެ 12 މައްސަލައާއި ޖިސްމާނީ އަނިޔާގެ 8 މައްސަލައެއް އެ ވުޒާރާއަށް ވަނީ ހުށަހަޅާފައެވެ.
މީގެއިތުރުން ކުޑަކުދިންގެ އަހުލާގީ އަދި އުޅުމުގެ މައްސަލަތަކާ ގުޅޭ 44 މައްސަލައެއް ހުށަހަޅާފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ 29 ފިރިހެން ކުދިންނާއި 15 އަންހެން ކުދިންގެ މައްސަލަކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
ވުޒާރާގެ ހެލްޕްލައިންތަކަށް ގިނަ އަދަދެއްގެ ކޯލްތައް ލިބިފައިވާއިރު، ކުޑަކުދިންގެ ހެލްޕްލައިން '1412' އަށް ޖުމްލަ 1,379 ކޯލް ލިބިފައިވާކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި އަދި ސޯޝަލް ސާވިސް ހެލްޕްލައިން '1421' އަށް 626 ކޯލް ލިބިފައިވާކަމަށް ވެސް ވަނީ ބުނެފައެވެ.
ރާއްޖޭގައި ކުޑަކުދިންނާއި އަންހެނުން އަދި ނާޒުކު ހާލަތްތަކުގައިވާ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ.
