ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ އާއިލާތަކުގެ ހާލަތު ދެނެގަތުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން "ހާލު ކިހިނެތް؟" ނަމުގައި ޕްރޮގްރާމެއް ފަށަން ނިންމައިފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އައިޝަތު ޝިހާމު ވިދާޅުވީ މި ޕްރޮގްރާމަކީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެއްކަމަށާއި ޕްރޮގްރާމްގެ ދަށުން މި އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ހުރިހާ އާއިލާތަކަށް ޒިޔާރަތްކޮށް ހާލު ބަލާނެ ކަމަށެވެ.

އެހެން މަސައްކަތް ކުރެވިއްޖިއްޔާ އަޅުގަނޑުމެންނަށް ބޮޑު ނުރައްކަލެއްގަ އެހެންނޫނީ ހިއްދަތިކަމެއްގަ އުޅޭ ކުދިން ކުއްލި ކުއްލިއަށް ފެންނާކަށް ނުޖެހޭނެ ދެއްތޯ، އިރާދަކުރެއްވިއްޔާ މި އަންނަ ހަފުތާ ތެރޭގައި އެ މަސައްކަތް ފެށިގެން ދާނެ.
ޑރ. އައިޝަތު ޝިހާމް

އާއިލާތަކަށް ޒިޔާރަތް ކުރުމުގެ ތެރޭގައި އެ އާއިލާތަކުގެ ދަތިތަކާ ހާލު ދެނެގަނެވި، އެ ފަރާތްތަކުގެ ދަތިތަކަށް ހައްލެއް ހޯދުމަށް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށާއި، މި މަސައްކަތުގެ ސަބަބުން ކުޑަކުދިންނަށް ނުރައްކާތައް ކުރިމަތިވާ ހާލަތައްތަކާއި ގެވެށި އަނިޔާ ފަދަ އަމަލުތައް ދެނެގަނެވި އެކަން މަދުކުރެވިގެން ދާނެ ކަމަށް ޝިހާމް ވަނީ ވިދާޅުވެފައެވެ.

ޝިހާމް އިތުރަށް ވިދާޅުވީ އެންމެ ބޮޑު ފޯކަސްއެއް އޮތީ ކަންކަން ދިމާވުމުގެ ކުރިން ރައްކާތެރިކަމުގެ ފިވަޅު އެޅުމަށް ކަމަށެވެ. މިއީ ދޮށީ އުމުރުގެ މީހުންނާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފާގަތި ދިރިއުޅުމެއް ހޯދައިދިނުމުގެ އަމާޒުގެ ދަށުން، އާއިލާތަކުގައި ރައްކާތެރިކަން ބޭނުންވާ މީހުންގެ ހާލަތު ދެނެގަނެ ސިޔާސަތުތައް ބައްޓަންކުރުމަށްޓަކާ މިފަދަ ޕްރޮގްރާމެއް ހިންގޭ ފުރަތަމަ ފަހަރެވެ.