ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރި މޫސާ ޒަމީރު ގަތަރަށް ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީއިން ބުނީ މިނިސްޓަރު ޒަމީރުގެ މި ދަތުރަކީ މި މަހުގެ 11 ވަނަ ދުވަހުން 13 ވަނަ ދުވަހަށް ކުރައްވާ ދަތުރެއް ކަމަށެވެ.

މިނިސްޓަރު ޒަމީރުގެ މި ދަތުރުގައި ގަތަރުގެ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލްޘާނީ އާ ބައްދަލުކުރެެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ބައްދަލު ކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތައް ދެނެގަނެ، އެކަމަށް މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ މި ދަތރުުގައި މިނިސްޓަރު ޒަމީރު ގަތަރު ސަރުކާރުގެ އިސް ވެރިންނާ ބައްދަލުކުރައްވާނެ ކަމަށާއި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމުގެ ފުރުސަތުތައް ހޯއްދެވުމަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ފޮރިން މިނިސްޓަރުގެ މި ދަތުރުގައި އެ މިނިސްޓްރީގެ ބައެއް އިސްވެރިން ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. އެގޮތުން ބައިލެޓްރަލް ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި، އެމްބެސެޑާ އެޓް ލާޖް ޑރ. ފަޒީލް ނަޖީބު އަދި އެސިސްޓެންޓް ޑިރެކްޓާ ލަމްހާ ސަލީމް މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.

ފޮރިން މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި މި އަހަރަކީ ރާއްޖެއާއި ގަތަރާ ދެމެދު ހާރިޖީ ގުޅުން ގާއިމު ކުރިތާ 40 އަހަރު ފުރޭ އަހަރެވެ.