މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހައްޖަށް ފޮނުވާ އެ ކުންފުނީގެ 10 މުވައްޒަފުންނަށް މިއަދު ލިޔުން ހަވާލުކޮށްފިއެވެ.

މި މުވައްޒަފުންނަށް މިކަމުގެ ލިޔުން ހަވާލުކޮށްފައިވަނީ މިއަދު ހުޅުލެ އައިލެންޑް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައެވެ. ހައްޖަށް ފޮނުވުމަށް ހޮވުނު މުވައްޒަފުންނަށް ލިޔުން ހަވާލު ކޮށްދެއްވާފައިވަނީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ އިބްރާހިމް ޝަރީފް މުހައްމަދެވެ. މި ރަސްމިއްޔާތުގައި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންނާއި، ސީނިއާ މެނޭޖްމެންޓުގެ ބޭފުޅުންގެ އިތުރުން ހައްޖު ސްޕޮންސާޝިޕް ލިބުނު މުވައްޒަފުންގެ އާއިލާގެ ބޭފުޅުންވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް ވިދާޅުވީ މުވައްޒަފުންނަށް ހައްޖުގެ ފުރުސަތު ހޯއްދަވައިދެއްވުމަށް އިސްލާމިކް މިނިސްޓްރީއާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި އެކު ކުރެވުނު މަސައްކަތްތަކުން އެފުރުސަތު މުވައްޒަފުންނަށް ފަހިވެގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. އަދި މި ފުރުސަތަކީ ކުންފުނީގައި ގިނަ ދުވަހު މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބެމުން އަންނަ ފުރުސަތެއް ކަމަށާއި މިފަދަ ފުރުސަތުތައް މެދުކެނޑުމެއް ނެތި ކުންފުނީގެ ފަރާތުން ދެމުން ދާނެ ކަމަށެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ކުންފުނިން މި ފަދަ ފުރުސަތުތައް މުވައްޒަފުންނަށް ފަހިކޮށްދިނުމަށް ދޭ އިސްކަން ވަރަށް ބޮޑު ކަމަށާއި މުސްތަގުބަލުގައި އިތުރު ފުރުސަތުތައްވެސް ފަހި ކޮށްދެއްވާނެކަމަށެވެ.

އެމްއޭސީއެލް ހައްޖު ސްޕޮންސާޝިޕަކީ ކުންފުނީގައި ގިނަ ދުވަހު މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ކޮންމެ އަހަރަކު ކުންފުނީގެ ފަރާތުން ދޭ ސްޕޮންސަޝިޕެކެވެ.