ދިވެހި ފުލުހުންނާއި އިމިގްރޭޝަންގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރަމުންދާތީ އެކަމާ ސަމާލުވުމަށް އަންގައިފިއެވެ.
ފުލުހުން ބުނީ ދިވެހި ފުލުހުންގެ ހިދުމަތުގެ އެކި ލޯގޯ ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އެކި ނަންބަރުތަކުން ވަޓްސްއެޕް މެދުވެރިކޮށް ފުލުހުންގެ ނަމުގައި އެކި މީހުންނަށް ގުޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތުން ވީޑިއޯ ކޯލު މެދުވެރިކޮށް ގުޅައިގެން، ކޭޝްކާޑު އަދި ކްރެޑިޓް ކާޑުގެ މައްސަލައެއް ދިމާވެފައިވާ ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް ކާޑުގެ މައުލޫމާތު ބުނެދިނުމަށް ނުވަތަ ވީޑިއޯ ކޯލުކޮށްގެން ހުންނަ މީހާއަށް ކާޑު ދެއްކުމަށް އެދެމުންދާ ކަމަށް ފުލުހުން ބުނެއެވެ. އަދި މިގޮތަށް ކާޑު ދެއްކުމުން ނުވަތަ ކާޑުގެ މައުލޫމާތު ދިނުމުން މަކަރާއި ހީލަތުން ފައިސާގެ މުއާމަލާތްތައް ހިންގަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ރާއްޖެއިން ބޭރުގެ އެއްވެސް ނަންބަރަކުން ފުލުހުންގެ ހިދުމަތުގެ ފަރާތުން ނުގުޅާނެ ކަމަށާއި އެފަދަ ކޯލުތަކަށް ޖަވާބު ނުދިނުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި ގުޅާ މީހާ ހުންނަނީ މޫނު ނިވާކޮށްގެންކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
އޭގެއިތުރުން، އިމިގްރޭޝަންގެ ނަމުގައި ރާއްޖެއިން ބޭރުގެ ނަންބަރުތަކުން މިގޮތަށް ގުޅައި އައިޑީ ކާޑު ދެއްކުމަށާއި ޒާތީ މައުލޫމާތު ދިނުމަށް އެދެމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އެހެންކަމުން މިގޮތަށް ގުޅާ މީހުންގެ ކޯލުތަކަށް ޖަވާބު ނުދިނުމަށާއި ކާޑުގެ އެއްވެސް މައުލޫމާތަކާއި އޯޓީޕީ ކޯޑު އަދި ޒާތީ އެއްވެސް މައުލޫމާތެއް ނުދިނުމަށް ފުލުހުން އިލްތިމާސްކުރެއެވެ. އަދި ރާއްޖެއިން ބޭރުގެ އެއްވެސް ނަންބަރަކުން ދިވެހި ފުލުހުންގެ ހިދުމަތުން ނުގުޅާނެކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.