ބ. އޭދަފުށީގައި 1000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ކުރުމަށް މިއަދު ހައުސިން މިނިސްޓްރީއާއި ސިނޯހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑްއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފިއެވެ.

މި މަޝްރޫ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކޮށްފައިވަނީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބްއެވެ. އަދި ސިނޯހައިޑްރޯ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖާ ޕޭން ގުއާންޒޫ އެވެ. މި އެއްބަސްވުމާ ގުޅޭ އިތުރު ތަފްސީލެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ހައްސާސް މައްސަލައަކީ ބޯހިޔާވަހިކަމާއި ގެދޮރުގެ ދަތިކަން ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ހައްލުކޮށް އެންމެނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ މުއިއްޒުގެ ރިޔާސީ އެންމެ ބޮޑު ވައުދު ވެސް މެއެވެ. މި ގޮތުން އޭދަފުށީގައި 1000 ހައުސިން ޔުނިޓުގެ މަޝްރޫއެއް ފެއްޓަވާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގަންނަވާފައެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ އެ ރަށަށް ކުރިމަތިވެފައިވާ ގެދޮރުގެ ދަތިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މާލެ ސަރަހައްދު ފިޔަވައި ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުގައި އެޅުމަށް ކަނޑައަޅާފައިވާ 40,000 ހައުސިން ޔުނިޓުގެ މަޝްރޫއުގެ ތެރެއިން އެންމެ އިސްކަންދޭ އެއް ރަށްކަމުގައި އޭދަފުށި ހައްދަވާނެ ކަމަށެވެ.

ސަރުކާރުން ތަރައްގީކުރާ 7 އާބަން ސެންޓަރުގެ ތެރެއިން އެއް ސެންޓަރަކީ އަތޮޅު އޭދަފުށި ކަމަށާއި އޭދަފުށީގެ ތަރައްގީގެ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.